އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ދެ ބޭފުޅުން ބައްދަލު ކުރައްވައިފިއެވެ.

އިންތިޚާބީ ރައީސްގެ މީޑިއާ ޓީމުން މިއަދު ވިދާޅުވީ، 3:00 ގައި ދެ ބޭފުޅުން ރައީސް އޮފީހުގައި ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އެ ސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިން މައުލޫމާތު ދޭ ގޮތުގައި މުއިއްޒު މިހާރު ވަނީ އެ އޮފީހަށް ވަޑައިގަންނަވައިފައެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވައި، ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ. އެއީ، 108،735 ވޯޓެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މުއިއްޒު ވަނީ 54 އިންސައްތަ ވޯޓު ހޯއްދަވައިފައެވެ. އެއީ، 126،499 ވޯޓެވެ.

ދެ ބޭފުޅުން މިއަދު ބައްދަލުކުރައްވާއިރު، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ގެކޮޅަށް ބަދަލުކުރަން ވެސް މިހާރު ވަނީ ނިންމައިފައެވެ. އެނގިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އެ މަނިކުފާނު ގެކޮޅަށް ބަދަލުކުރައްވާނެއެވެ.

އިއްޔެގެ އިންތިޚާބުން ނާކާމިޔާބުވުމަށް ފަހު، ރައީސް ޞާލިޙް ވަނީ ބަލި ގަބޫލުކުރައްވައި، އިންތިޚާބީ ރައީސް މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ.

ދިވެހި ޖުމްހޫރިއްޔާގެ އަށްވަނަ ރައީސް ޑރ. މުއިއްޒު ހުވާ ކުރެއްވުން އޮންނާނީ ނޮވެމްބަރު 17 ގައެވެ.