އިއްޔެ އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި، މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް، ޕާކިސްތާނުން ވެސް މަރުހަބާ ދަންނަވައިފިއެވެ.

ޕާކިސްތާނުން، މުއިއްޒަށް މަރުހަބާ ދަންނަވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ވަނީ، ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ޑރ. މުހައްމަދު މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީ ފާހަގަކޮށް އެ ކަމަށް ތަހުނިޔާ ކިޔާފައެވެ.

އަދި، މުއިއްޒު ހޯއްދެވި ކާމިޔާބީގެ ފަހަތުގައި ވަނީ، ރައްޔިތުން މުއިއްޒަށް ކޮށްފައިވާ އިތުބާރު ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ.

މީގެ އިތުރުން، މުއިއްޒުގެ ވެރިކަމުގެ ދަށުން، ދިވެހި ރާއްޖެއަށް ކުރިއެރުމާއި، ތަރައްގީއާއި، ތަނަވަސް ކަމަށް އެދޭ ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އަންވާރުލް ހައްގު ކާކަރު އާއި ރައީސް އާރިފް އަލްވީ ވެސް ވަނީ މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ. އެ ދެ ބޭފުޅުން ވަނީ, މުއިއްޒުގެ ވެރިކަމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މުއިއްޒު ހޯއްދެވި ކާމިޔާބީއަށް ޕާކިސްތާނުން މަރުހަބާކިޔާފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔާ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެދިފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ވާދަކުރައްވާ އިންތިހާބީ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވީ، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް، އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ މަނިކުފާނު ވަނީ އިއްޔެ ވޯޓުލާން ނުކުތް މީހުންގެ 54 އިންސައްތަ ވޯޓު ހޯއްދަވައިފައެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ.