ރޭޑިއޯ، ޓީވީ ފްރެކުއެންސީ ދޫކުރުމުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ގެންގުޅޭ އުސޫލުތަކަކީ ގާނޫނު އަސާސީއާ ޚިލާފަށް ހަދާފައިވާ އުސޫލުތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް ހައިކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް ޝަރީއަތުން ބައެއް ކަންކަން ސާފުކުރުމަށް މިއަދު އިތުރު އަޑުއެހުމެއް ބާއްވައިފި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ފައްޓަވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތު ބެލެހެއްޓެވި ޝުއައިބް ހުސެއިން ޒަކަރިއްޔާ ވިދާޅުވީ ކުރިން އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވި ކަމަށް އިއުލާން ކުރި ނަމަވެސް މައްސަލަ ދިރާސާ ކުރިކުރުމުގައި ޝަރީއަތަށް ބައެއްކަންކަން ސާފުކުރަން ބޭނުން ވާތީ މިއަދު ޝަރިއަތުގެ މަޖިލީހެއް ބޭއްވީ ކަމަށެވެ.

ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސާއި ޓެރެސްޓްރިއަލް ފްރިކްއެންސީ ދޫކުރުމަކީ ތަފާތު ދެކަމެއްތޯ ފަނޑިޔާރުން އެއްސެވުމުން މައްސަލަ ހުށަހެޅި މ. ކުޑަވެޔޮމަތީގޭ އިބްރާހިމް ފަލާހުގެ ވަކީލު އަލީ ހުސެއިން ވިދާޅުވީ އެއީ އެއްކަމެއް ކުރުމަށް ދެވޭ އެއްޗެއް ކަމަށާއި ނަމަވެސް ދެކަމަކީ ތަފާތު ދެކަމަކަށް ވެދާނެ ކަމަށެވެ. އަދި ވިދާޅުވީ ޓެރެސްޓްރިއަލް ފްރިކްއެންސީ އަކީ ވެސް ބްރޯޑްކާސްޓް ކުރުމަށް ދެވޭ ލައިސަންސްގެ ވައްތަރެއް ކަމަށެވެ.

"ޓެރެސްޓްރިއަލް ފްރިކްއެންސީ އަކީ ވެސް ބްރޯޑްކާސްޓް ކުރުމަށް ދެވޭ ލައިސަންސްގެ ވައްތަރެއް،" އަލީ ހުސެއިން ވިދާޅުވި އެވެ.

ބްރޯޑް ކާސްޓިން ކޮމިޝަންގެ ވަކީލު ވިދާޅުވީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަކީ ވަކި ހުދޫދެއްގެ ތެރެއިން ކޮންޓެންޓް ފޮނުވުމަށް ދެވޭ ހުއްދައެއް ކަމަށާއި ފްރިކްއެންސީ އަކީ ބްރޯޑްކާސްޓް ކުރުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތްކަމަށެވެ. އަދި ވިދާޅުވީ ސެޓެލައިޓާއި، ކޭބަލާއި ޓެރެސްޓްރިއަލް ފްރިކްއެންސީ އަކީ ވެސް ބްރޯޑްކާސްޓް ކުރުމަށް ބޭނުން ކުރެވިދާނެ ވަސީލަތެއް ކަމަށެވެ.

އޭނާ ވިދާޅުވީ ފްރިކްއެންސީ އަކީ ދައުލަތުގެ ލިމިޓެޑް އަދި ޓެކްނިކަލް ވަސީލަތަކަށް ވުމުން ބްރޯޑުކާސްޓް ކުރުމުގެ ލައިސަންސާއި ޚިލާފަށް ޓެރެސްޓްރިއަލް ފްރިކްއެންސީ ދޫކުރަނީ ބީލަމުގެ އުސޫލުން ކަމަށެވެ.

އޭނާ ވިދާޅުވީ މަސައްކަތެއް ނުވަތަ ކަމެއް ކުރުމަށް ދޫކުރެވޭ ހުއްދަޔާއި އެކަމެއް ކުރުމަށް ދޫކުރާ ވަސީލަތްތެއް ދޫކުރުމަށް ކަނޑައަޅާ އުސޫލުތަކުގައި ތަފާތުތަކެއް ހުންނާނެ ކަމަށެވެ.

ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސާއި ޓެރެސްޓްރިއަލް ފްރިކްއެންސީ ދޫކުރުމުގައި ބަލަނީ ކޮން ކަންތައްތަކަކަށްތޯ ފަނޑިޔާރު އެއްސެވުމުންބްރޯޑް ކާސްޓިން ކޮމިޝަންގެ ވަކީލު ވިދާޅުވީ ބްރޯޑް ކާސްޓް ކުރުމުގެ ގާނޫނުގެ ލައިސަންސް ދޫކުރުމުގައި ބަލަނީ ބްރޯޑް ކާސްޓް ކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ށ)ގައި ހުރި ކަންތައްތަކާއި އެ ގާނޫނުގެ ދަށުން ހަދާފައި ހުރި ގަވާއިދުގައި ހުރި ޝަރުތުތަކަށް ކަމަށެވެ. އަދި އޭގެ އިތުރުން، އިތުރު ޝަރުތުތަކެއް ކަނޑައެޅުމާ އަދި ކަނޑައެޅޭ ޝަރުތުތަކަށް ބަދަލު ގެނައުމުގެ އިޚުތިޔާރު ކޮމިޝަނަށް ލިބިގެންވާކަން އެ ގާނޫނުގެ 36 ވަނަ މާއްދާ އިން ވަރަށް ސާފުކޮށް ދޭހާވަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އަލީ ހުސެއިން ވިދާޅުވީ ޓެރެސްޓްރިއަލް ފްރިކްއެންސީ އަދި ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކުރުމުގައި ވެސް ބަލަން ޖެހޭނީ ހަމައެކަނި ބްރޯޑްކާސްޓް ކުރުމާ ބެހޭ ގާނޫނުގެ 26 ވަނަ މާއްދާގެ (ށ) އަށް ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތު ބެލެހެއްޓެވި ޝުއައިބް ހުސެއިން ޒަކަރިއްޔާ ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވީ ކަމަށާއި ދެން އޮންނާނީ ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލީސް ކަމަށެވެ. ނަމަވެސް އެއީ ކޮން ދުވަހެއް ކަމެއް ކޯޓަކުން ނުބުނެ އެވެ. އެ މައްސަލަ ފުރަތަމަ ހުށަހެޅި ދުވަހު ކޯޓުން ބުނެފައި ވަނީ މިދިޔަ މަސް ނިމުމުގެ ކުރިން މައްސަލައަށް ފައިސަލާކޮށް ނިންމާނެ ކަމަށެވެ.