ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދާއި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް އިއްޔެ ހަމަލާ ދިން މައްސަލައިގައި، މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިއަދު 'ސަން'އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަަމަށެވެ.

މެންބަރު ނިހާދުގެ ގައިގައި ޖަހާފައި ވާ ކަމުގެ މައްސަލަ ފުލުުންނަށް ރިޕޯޓު ކޮށްފައިވަނީ އިއްޔެގެ 11:45 ހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އައްޑޫގައި ހުންނެވި ނިހާދަށް ހަމަލާދިނުމުން އޭނައަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ.

ޝަރީފަށް ހަމަލާ ދިނީ މާލޭގެ މަންހަޓަން ބިޒްނަސް ހޮޓެލްގެ ތެރޭގައި އޭނާ ހުންނަވަނިކޮށެވެ. އެ ހަމަލާގެ ސަބަބުން އޭނާގެ ލޯ ކައިރި ދުޅަވެ، ނޫފައިގެންފައި ހުރި މަންޒަރު ފޮޓޯތަކުން ފެނެއެވެ.

ރައްޔިތުން މަޖިލީހުގެ މި ދެ މެންބަރުންނަށް އިއްޔެ ހަމަލާ ދީފައިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އިއްޔެ ކުރިއަށް ދަނިކޮންނެވެ.

އެ ދެ ހަމަލާގެ އިތުރުން، އެހެން ހަމަނުޖެހުންތަކެއް ވެސް އިއްޔެ ހިންގުމާ ގުޅިގެން ފުލުހުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ. އަދި ބައެއް ހަމަނުޖެހުންތައް ގުޅިފައި ވަނީ ކުށްކުރާ ގޭންގުތަކާ ކަމަށް ފުލުހުން ބުނެފައިވެއެވެ.