ތިރީގައި މިވަނީ، ޗައިނާގެ ޖުމްހޫރިއްޔާ އުފެދުމަށް 74 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވާން ލީޝިން ދެއްވި ޚިތާބެވެ.

ލޮބުވެތި އެކުވެރިންނަށް؛

މިއަދަކީ ޗައިނާގެ ޖުމްހޫރިއްޔާ އުފެދުމަށް 74 އަހަރު ފުރޭ، އަހަރީދުވަހެވެ. ފާއިތުވި 74 އަހަރު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޒައާމަތުގެ ދަށުން، ޗައިނާގެ ރައްޔިތުން ވަނީ އަމިއްލަ ސިފަތަކެއް ހިމެނޭ ސޯޝަލިޒަމްގެ މަގުގައި ކާމިޔާބު ދަތުރެއްކޮށްފައެވެ. އަޅުގަނޑުމެން ވަނީ ޖުމްލަކޮށް މެދުމިނުގެ، ފުދުންތެރި މުޖުތަމައެއް ބިނާކޮށް، އެންމެ ދެރަ ފަގީރުކަން ނައްތާލުމުގެ ތާރީޚީ ކާމިޔާބީ ހާސިލުކޮށްފައެވެ. މިހާރު އަޅުގަނޑުމެން ގަދައަޅާ މަސައްކަތް ކުރަމުން މިދަނީ ޗައިނާގެ ދައުލަތަށް މަތިވެރި އާ ޒުވާން ކަމެއް ގެނައުމުގެ ގައުމީ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ.

މިދިޔަ އަހަރު، ސީޕީސީގެ 20ވަނަ ގައުމީ ކޮންގްރެސް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ޗައިނާވަންތަ މަގުތަކަކުން ޗައިނާގެ ދައުލަތަށް ހުރިހާ ދާއިރާއަކުން އާ ޒުވާން ކަމެއް ގެނެސް، ޒަމާނީ ކުރިއެރުން ހާސިލުކުރާނެ ގޮތުގެ މައި ތަސައްވުރެއް އެ ކޮންގްރެސްގެ ތެރެއިން ވަނީ އެކުލަވާލާފައެވެ. މި ކަމުގެ ސަބަބުން، އާ ޒަމާނުގައި ޗައިނާގެ ތަރައްގީގެ ދުވެލި ހަރުވެ މިސްރާބު ވަނީ ސީދާކުރެވިފައެވެ.

މި އާ ފެށުމުގައި، ޗައިނާއިން ފެންވަރު ރަނގަޅު ތަރައްގީއާއި، ތަންމިނަށް ހުޅުވާލެވިފައިވާ ގުޅުންތައް ކުރިއެރުވުމުގައި ދެމި އެބަ އޮތެވެ. މި އަހަރު ފެށުނީއްސުރެ، ޗައިނާގެ އިގްތިސާދު އަންނަނީ އަލުން ކުރިއަރާ، ވިލެމުންނެވެ. އެގޮތުން، މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ބައިގައި 5.5 ޕަސެންޓުގެ ކުރިއެރުމެއް ވަނީ ހޯދާ، ދުނިޔޭގެ ބޮޑެތި އިގުތިސާދުތަކުގެ އެންމެ ކުރިއަށް ވަނީ ޖެހިލާފައެވެ. އައިއެމްއެފުން ލަފާ ކޮށްފައިވާ ގޮތުގައި، މިއަހަރު ޗައިނާގެ އިގުތިސާދު 5.2 ޕަސެންޓަށް ކުރިއަރައި، މުޅި ދުނިޔޭގެ އިގުތިސާދީ ކުރިއެރުމުގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާނެއެވެ. ޗައިނާގެ އިގުތިސާދަކީ ވިލުން ވަރުގަދަ، ގާބިލުކަން ބޮޑު، ދިރުން ހުރި އިގުތިސާދެކެވެ. އަދި، އޭގެ ޒަމާންވީ ހެޔޮ އަސާސްތަކަށް ބަދަލެއް ނާންނާނެއެވެ. ޗައިނާ އަދިވެސް އޮތީ ދުނިޔޭގެ އިގުތިސާދީ ކުރިއެރުމުގެ ވަރުގަދަ އިންޖީނެއްގެ ގޮތުގައެވެ. ދުނިޔޭގެ އިގުތިސާދު އަނބުރާ ކޮޅަށްޖެހުމަށް އެއްވާނެއްގައި ބާރުއެޅުމުގައި ޗައިނާ ދެމިއޮންނާނެއެވެ.

ބަދަލުވަމުންދާ ދުނިޔޭގެ ކުރިމަތީގައި، މުޅި އިންސާނީ މުޖުތަމައަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް، ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ބައިނަލްއަގުވާމީ ތަރައްގީގެ އިނީޝިއޭޓިވަކާއި، ބައިނަލްއަގުވާމީ ސަލާމަތުގެ އިނީޝިއޭޓިވަކާއި، ބައިނަލްއަގުވާމީ ހަޟާރަތުގެ އިނީޝިއޭޓިވެއް ހުށަހަޅުއްވާފައެވެ. އެއާއެކު، އާ ވައްތަރެއްގެ ބައިނަލްއަގުވާމީ ގުޅުންތަކެއް ގާއިމުކުރުމަށް އެމަނިކުފާނު ގޮވާލައްވަވާފައެވެ. އަޅުގަނޑުމެން އަމަލުކުރަނީ ފުޅާ މަޝްވަރާތަކާއި، ގުޅިގެން މަސައްކަތް ކުރުމާއި، ހިއްސާކުރާ ފައިދާތަކުގެ މައްޗަށް ބިނާވެގެންވާ ގުޅުމުގެ މަފްހޫމަށެވެ. އަދި، ގުޅިގެން ކުރެވޭ މަސައްކަތެއްގެ ގޮތުގައި "ބެލްޓް އެންޑް ރޯޑް" ބިނާކުރުމުގެ މަގު އަންނަނީ ފުޅާވަމުންނެވެ. އަޅުގަނޑުމެން މިދަނީ އިންސާނީ ނަސްލުގެ ކުރިއެރުމަށްޓަކައި ގުޅިފައިވާ މުސްތަގުބަލަކަށްޓަކައި މުޖުތަމައެއް ބިނާކުރުމަށް ޗައިނާގެ ހިކުމަތާއި، ބާރު ހިއްސާ ކުރަމުންނެވެ.

މިއަހަރު، މި ދެ ގައުމުގެ ވެރިންގެ އިސްތިރާޖީ ލަފާގެ މަތިން، ދެ ގައުމުގެ ދެމެދުގައިވާ ގުޅުމަށް އާ ބާރެއްވަނީ ލިބިފައެވެ. އެއީ، އަޅުގަނޑުމެންގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން މިދިޔަ އަހަރު ފާހަގަ ކުރުމަށް ފަހުއެވެ. ދިވެހިރާއްޖޭގެ ފަރާތުން "ވަން-ޗައިނާ" ސިޔާސަތަށް ތާއީދު ކުރުމުގައި ސާބިތުވެ އެބައޮތެވެ. އަދި، ޗައިނާގެ މަސްލަހަތު ހުރި ބޮޑެތި މައްސަލަތަކާއި، ކަންބޮޑުވުންތަކުގައި އެއްބާރުލުން ދެއެވެ. ޗައިނާއިން އަބަދު ވެސް ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށާއި، ބައިނަލްއަގުވާމީ ގުޅުންތަކުގައި ހަރަކާތްތެރި ދައުރެއް އަދާކުރުމަށް ކުރާ މަސައްކަތުގައި އެއްބާލުން ދެއެވެ.

އާލަމީ ވަބާއަށް ފަހު، ޗައިނާއާއި ރާއްޖޭގެ ގުޅުން އަލުން ބަދަހި ކުރުމަށް އަޅުގަނޑުމެން އެކުގައި "ފާސްޓް ފޯވާޑަށް" ފިއްތައިފީމެވެ. އެގޮތުން، އަޅުގަނޑުމެން ވައިގެ ސީދާ ދަތުރުތައް އަލުން ފަށައިފީމެވެ. އެކަމުގެ ސަބަބުން، ޗައިނާއާއި ރާއްޖޭގެ ދެމެދުގައި ޓޫރިޒަމް ދާއިރާގެ ގުޅުން ކުރިއެރުވުމަށް އިތުރު ބާރެއް ލިބިއްޖެއެވެ. ޗައިނާއާއި ރާއްޖެއާ ދެމެދު ގާއިމުކުރެވިފައިވާ ވިސާ މާފުކުރުމުގެ އެއްވަސްވުމަށް ރަސްމީކޮށް އަމަލުކުރަން ފެށުމާއެކު، ދޭދޭ ގައުމުގެ ފަރުދުންގެ ގުޅުން ބަދަހިވުމަށް ވަނީ މަގުފަހިވެފައެވެ. ޗައިނާ-ރާއްޖެ ލޮލުގެ ފަރުވާގެ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު ވަނީ ފަށާފައެވެ. އެއާއެކު، ދެ ގައުމުގެ މެދުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އާ މޮޑެލްއެއް ވަނީ ތައާރަފުވެފައެވެ. ޗައިނާގެ ޔުނާން ޕްރޮވިންސުގެ ގަވަރުނަރު ވާން ޔުބޯ ރާއްޖެއަށް ކުރެއްވި ކާމިޔާބު ދަތުރާއެކު، ސަރަހައްދީ ހިންގުމުގެ ދާއިރާއިން ދެގައުމުގެ ގުޅުމަށް އާ ބާރެއް ލިބިފައިވެއެވެ. ސަރުކާރުގެ އިސްވެރިންނާއި، ސިޔާސީ ޕާޓިތަކުގެ މަންދޫބުން، މީޑިއާ އަދި ލޯކަލް ކައުންސިލްތައް ހިމެނޭހެން ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ އެކުވެރިން ޗައިނާއަށް ކުރި ކާމިޔާބު ދަތުރުތަކުގެ ސަބަބުން، ފަރުދީ ގުޅުންތައް ވަރުގަދަވެ، ދެގައުމުގެ އެކުވެރިކަން ވަނީ ބަދަހިވެފައެވެ.

ގިނަ ދާއިރާތަކެއްގައި މަސައްކަތްކުރާ އޮފިޝަލުންނަށް ޗައިނާގައި އެކި ތަމްރީނު ކޯސްތަކުގައި ބައިވެރިވުމުގެ ދައުވަތު ވާނީ ދީފައެވެ. އެކަމުގެ ސަބަބުން، ދިވެހި ސަރުކާރުގެ ހިންގުމުގެ ކެޕޭސިޓީ ބިނާކުރުމަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބުނެވެ. އަޅުގަނޑުމެން ގުޅިގެން "ބެލްޓް އެންޑް ރޯޑް" ބިނާކުރުމުގެ ދަށުން ފަށާފައިވާ މަޝްރޫއުތައް ހިނގަމުން ދިއުމުގެ ފައިދާ ދިވެހި ރައްޔިތުންނަށް ގިނަގުނަވެފައިވެއެވެ. އަޅުގަނޑުމެންގެ ގުޅުންތައް ވަނީ ގަދަކޮށް، ބަދަހިވެފައެވެ. އަދި، އިތުރަށް ތަރައްގީވުމުގެ އުޖާލާ ތަސައްވުރު އޮންނާނެއެވެ.

ކުރިމަގުގައި ވެސް، ޒަމާންވީ ގުޅުންތައް ދެމެހެއްޓުމާއި، ދެގައުމަށް ފައިދާހުރި ގުޅުންތައް އިތުރު ހަލުވިކަމާއި، ފެންވަރުގައި ފުޅާކުރުމުގައި ދިގު ފިޔަވަޅުތަކެއް އަޅަމާ ހެއްޔެވެ. އަޅުގަނޑުމެން ދެ ގައުމުގެ ދެމެދުގައިވާ ކުރިމަގަށް އިސްކަންދޭ، ހުރިހާ ގޮތަކުން އެކުވެރިވެ، ބައިވެރިވުމުގެ ގުޅުމުގެ އާ ބާބެއް އެކުގައި ލިޔެވޭނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.

އަޅުގަނޑުގެ ބިމަށް އުފާވެރި އުފަންދުވަހަކަށާއި، ޗައިނާގެ ރައްޔިތުންނަށް އުފާވެރިކަމަަށައި ގައުމުގެ ކުރިއެރުމަށް އެދެމެވެ.

ޗައިނާ-ރާއްޖެ ގުޅުމަށް އިތުރުކުރިއެރުމާއި، ކާމިޔާބަށް އެދެމެވެ.