ޗައިނާ 'ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ'ގެ ނަމުގައި ދައުލަތެއްގެ ގޮތުގައި 74 ވަނަ އަހަރީ ދުވަސް ފާހަގަކުރާ މުނާސަބާއާ ގުޅުވައި ރަައީސް އިބްރާހިމް މުޙައްމަދު ޞާލިހު، ޗައިނާގެ ރައީސް ޝީ ޖިން ޕިންއަށް ތަހުނިޔާ ވިދާޅުވެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ރައީސް ޞާލިހު ފޮނުއްވި ސިޓީފުޅުގައިވަނީ ރާއްޖެއާއި ޗައިނާއިން ވަރުގަދަ ބަދަހި ގުޅުމެއް ދަމަހައްޓަމުން އަންނަ ކަމަށެވެ. އެ ގުޅުމުގެ ބަދަހިކަން ދުވަސްވަމުން އަންނަ ވަރަކަށް ހާމަވަމުން އަންނަކަމަށް ވެސް އެ ސިޓީފުޅުގައިވެއެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރިއަށް ހުރި ދުވަސްތަކުގައި ވެސް އެކުވެރިކަން އިތުރަށް ބަދަހިވެ ތަރައްގީއަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތް އިތުރަށް ވަރުގަދަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮންނަވާ ކަމަށެވެ.

އެއާ އެކު ރައީސް ވަނީ، ރައީސް ޝީ ޖިންޕިންއަށް ފުރިހަަމަ ސިއްހަތެއް އެދޭހާލު، ޗައިނާގެ ރައްޔިތުންނަށް ފާގަތިކަމާއި ހެޔޮ ގޮތް މެދުވެރިވުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ގޮތުގައި މާއޯ ޒެޑޮންގް އިއުލާންކުރައްވަނީ --

ކޮންމެ އަހަރެއްގެ އޮކްޓޯބަރު އެއްވަނަ ދުވަސް ފާހަގަކުރަނީ ޗައިނާގެ ކޮމިއުނިސްޓް ލީޑަރު މާއޯ ޒެޑޮންގް އެ ގައުމަކީ 'ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ'ގެ ގޮތުގައި އިއުލާންކުރި ދުވަހުގެ ގޮތުގައެވެ. މި ކަން އިއުލާންކުރީ 1949 ވަނަ އަހަރުގެ އޮކްޓޯބަރު އެއްވަނަ ދުވަހެވެ.

އެ ކަން އިއުލާންކުރުމާ އެކު 1920ގެ އަހަރުތަކުން ފެށިގެން އެ ގައުމުގައި ޗައިނީސް ކޮމިއުނިސްޓް ޕާޓީއާއި ނޭޝަނަލިސްޓް ޕާޓީއާ ދެމެދު ހިނގަމުން އައި ދާޚިލީ ހަނގުރާމަ ނިމުމަކަށް އައެވެ.