އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އޮޕަރޭޓް ކުރާ ޖީއެމްއާރުން ވޭތުވެދިޔަ ތިން މަހުގެ ކޮންސެޝަން ފީ ސަރުކާރަށް ދެއްކި އިރު މަދު ކުރި، 8.2 މިލިއަން ޑޮލަރު ވީ އެންމެ އަވަހަކަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަށް ދެއްކުމަށް އެ ކުންފުނިން ޖީއެމްއާރަށް އަންގައިފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހަންމަދު އިބްރާހިމް ސަން އޮންލައިން އަށް މިއަދު ވިދާޅުވީ ކުރީގެ ސަރުކާރުގެ ނިންމުން ބާތިލުކޮށް އޭޑީސީ އާއި އިންޝުއަރެންސް ސާޗާޖްގެ ފައިސާ ވެސް ހިމަނައިގެން ސަރުކާރަށް ފައިސާ ދައްކަން ތަކުރާރުކޮށް ޖީއެމްއާރަށް މީގެ ކުރިން ވެސް ސިޓީ ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް ޖީއެމްއާރުން އެ ސިޓީ އަށް އިޖާބަ ދީފައި ނުވާތީ އަނެއްކާ ވެސް ސިޓީއަކުން ދެންނެވީ ކަމަށެވެ.

"އަޅުގަނޑު މިއަދު އަނެއްކާ ވެސް ސިޓީއެއް ފޮނުވައިފިން އުނިވާ ބައި އަނެއްކާ ވެސް ދައްކާދޭށޭ ކިޔާފައި. އަޅުގަނޑުމެން ގަބޫލް ކުރަނީ އަޅުގަނޑުމެންނަށް ލިބެން ޖެހޭ ފައިސާ އެއް ކަމަށް އެއީ،" މުހައްމަދު އިބުރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުންފުންޏެއްގެ ހައިސިއްޔަތުން އެ ކުންފުންޏަށް ލިބޭ ފައިސާއެއް ހޯދުމަށް އެދުމަކީ މުހިންމުކަމެއް ކަމަށް ދެކެވަޑައިގެންންނަވާ ކަމަށައި ޖީއެމްއާރާ އެގްރިމެންޓް ހެދި އިރު ސަރުކާރު ވެސް އެކަމުކުގައި ހިމެނޭތީއާ އެކު އެ މައްސަލާގައި ޖީއެމްއާރައި ސަރުކާރާ ދެމެދު މިހާރު ވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހަށް އައައިއެންއައިއޭ އިން ކޮންސެޝަންފީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖާއި އިންޝުއަރެންސް ފައިސާ އަށް 8.2 މިލިއަން ޑޮލަރު އުނިކުރުމަށް ފަހު މޯލްޑިވްސް އެމްއޭސީއެލް އަށް ޖީއެމްއާރުން ވަނީ ފައިސާ ދައްކާފަ އެވެ.

ޖީއެމްއާރާ ހަވާލާދީ އެމްއޭސީއެލް އިން ބުނީ މި އަހަރުގެ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށް ޖީއެމްއާރުން އެއާޕޯޓަށް ދައްކަން ޖެހޭ ކޮންސެޝަން ފީގެ ޖުމްލަ ފައިސާއަކީ 8.7 މިލިއަން ޑޮލަރު ކަމުގައިވީ ނަމަވެސް އެ ކުންފުނިން ދެއްކީ 525355 ޑޮލަރު ކަމަށެވެ. އެއީ 8.2 މިލިއަން ޑޮލަރު މަދު އަދަދެއް ކަމަށެވެ.


އެ ކުންފުނިން ބުނީ ޖީއެމްއާރުން އެ އަދަދަށް ފައިސާ އުނިކޮށް ކޮންސެޝަންފީ ދެއްކީ މި އަހަރުގެ ޖެނުއަރީން ފެށިގެން އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް އޭޑީސީ ގޮތުގައި ނަގަން މަސައްކަތް ކުރި 25 ޑޮލަރުގެ ފައިސާއަށް ޖެހޭ 7.6 މިލިއަން ޑޮލަރާއި އަދި އިންޝްއަރެންސްސާޗާޖްގެ ގޮތުގައި ނަގަމުން އައި ދެ ޑޮލަރަށް ޖެހޭ 601،148 ޑޮލަރު އުނިކުރުމަށް ފަހު ކަމަށެވެ.

ސަރުކާރުގެ އެދުމުގެ މަތިން އެއާޕޯޓުން ފުރާ ދިވެހިންގެ އަތުން އޭޑީސީގެ 25 ޑޮލަރު ނުނެގުމަށް އެއްބަސްވެ އެކަން ސަރުކާރަށް ހުށަހަޅާފައި ވާނެ ކަމަށް ޖީއެމްއާރުން ކުރިން ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ޖީއެމްއާރުން ކުރިން ނެރެފައިވާ މީޑިއާ ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ދިވެހިންގެ އަތުން އޭޑީސީ ނުނެގުމަށް ދެ ގޮތެއް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ދިވެހި ޕާސްޕޯޓެއްގައި ފުރާ އެއްވެސް މީހެއްގެ އަތުން 25 ޑޮލަރު ނުނަގާ ގޮތަށް ހަމަޖައްސައި ދެން ފުރާ ކޮންމެ މީހެއްގެ އަތުން 28 ޑޮލަރު ނެގުން ކަމަށެވެ. އަދި ދެ ވަނަ ގޮތެއް ކަމަށް ބުނެފައި ވަނީ ސާކުގެ ގައުމުތަކަށް ދަތުރުކުރާ މީހުންގެ އަތުން އޭޑީސީ ނުނަގައި ދެން ފުރާ އެންމެންގެ އަތުން 27 ޑޮލަރު އޭޑީސީއަށް ނެގުމެވެ.

ނަމަވެސް ސަރުކާރުން އެކަމަށް އެއްޗެއް ނުބުނެ، ބުނެފައި ވަނީ އެ މައްސަލަ އަށް ހައްލު ހޯދާނީ ރައްޔިތުންގެ މަޖިލީސް ހުޅުވުމުން ކަމަށާއި މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން ކަމަށެވެ.