ވިއްސާރާ ކުރާނެ ކަމަށް ބުނެ ށ އަތޮޅުން ފެށިގެން ޅ އަތޮޅާ ހަމައަށް ރީންދޫ ސަމާލު ނެރެފިއެވެ.

މެޓު އޮފީހުން ރީންދޫ ސަމާލު ނެރެފައިވަނީ މިއަދުގެ 10:30 އިން ފެށިގެން 14:00 ގެ ނިޔަލަށެވެ.

އެ އޮފީހުން ބުނީ މި ސަރަހައްދުގައި ހިމެނޭ ރަށް ތަކަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި، ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލުގެ ބާރު މިނުގައި ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

އަދި ވާރޭ ވެހޭއިރު ގަޑިއަކު 35 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓު އޮފީހުން ލަފާކޮށްފައި ވެއެވެ.

މީގެ އިތުރަށް އެ އޮފީހުން ބުނީ އުތުރުގެ ސަރަހައްދުތަކަށް ކަނޑު ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި، ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާ ދެމެދުގެ އުސްމިނަކަށް ހުންނާނެ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

ށ އަތޮޅާއި ނ އަތޮޅު ފިޔަވާ ވެސް އުތުރުގެ އެހެން ރަށް ތަކަށް މަދުން ނަމަވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.