01 Oct 2023, 10:44
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 7،456 ބާތިލު ވޯޓު ލާފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ވޯޓުލާން ނުކުތް 242،690 މީހުންގެ ތެރެއިން 54 އިންސައްތަ ވޯޓު ކަށަވަރު ކުރައްވައިފައެވެ. އެއީ، 126،499 ވޯޓެވެ. ވެރިކަމުގައި ހުންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ. އެއީ، 108،735 ވޯޓެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން، މި ބުރުގައި ވަނީ 7،456 ބާތިލު ވޯޓު ލައިފައެވެ. އެއީ، ފުރަތަމަ ބުރާ އަޅާ ބަލާއިރު 2،621 އިތުރު އަދަދެކެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ ބުނާ ގޮތުން، އެ ބުރުގައި ވަނީ 4،835 ބާތިލު ވޯޓު ލައިފައެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ގުމުގެ ތެރެއިން -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް
ދެވަނަ ބުރުގައި ބާތިލު ވޯޓުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ފުރަތަމަ ބުރާ އަޅާބަލާއިރު 21،000 އަށް ވުރެ ގިނަ މީހުން ވަނީ ދެވަނަ ބުރުގައި ވޯޓުލައިފައެވެ. ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބުނު އާބާދީގެ 79 އިންސައްތަ ވޯޓު ލީއިރު، ދެވަނަ ބުރުގައި އެ އާބާދީގެ 86 އިންސައްތަ މީހުން ވަނީ ވޯޓުލާން ނުކުމެފައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އެއީ އެ ކޮމިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެކަމަކު، އުންމީދު ކުރައްވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރީގައި އެ ކަމުގެ ހައްލު ވެސް އެ ކޮމިޝަނުން ހޯދޭނެ ކަމަށް ކަމަށާއި އަބަދު ވެސް އެއް އިންތިޚާބުގެ ތަޖުރިބާއިން ކުރިއަށް ހުރި އިންތިޚާބުތައް އިތުރަށް ފުރިހަމަ ކުރަން އީސީން މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު -- ސަން ފޮޓޯ/ މާހިލް އާތިފް
"އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް، ކޮމިޝަނުން މިކަމުގެ ޙައްލު ހޯދާނެ. އެއް އިންތިޚާބެއްގެ ތަޖުރިބާގެ އަލީގައި، އަނެއް އިންތިޚާބެއްގައި، ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަވާނޭހެން، ކަންތައްތައް ތަރުތީބުކޮށް އިސްލާޙް ކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދޭ،" ހަބީބު ވިދާޅުވިއެވެ.
ބާތިލު ވޯޓުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މި ފަހުން މީސްމީޑިއާގައި ވަނީ "ޓީމް ބާތިލު"ގެ ނަމުގައި ކެމްޕޭނެއް ވެސް ފަށައިފައެވެ.
އެ ކެމްޕޭންގައި ވަނީ ކަމުދާ އެއްވެސް ކެންޑިޑޭޓެއް ނެތް ކަމަށް ބުނެ، ގަސްތުގައި ބާތިލު ވޯޓެއް ލާން ގޮވާލައިފައެވެ. އެގޮތުން، މި ފަހަރުގެ އިންތިޚާބުގެ ވޯޓު ގުނަމުން ދިޔަ އިރުގައި ވެސް، ގަސްތުގައި ބާތިލު ކޮށްލާފައި ހުރި ވޯޓުތައް ފާހަގަވިއެވެ.