01 Oct 2023, 10:07
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިއަދު މަރުހަބާ ވިދާޅުވެ, ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެދިވަޑައިގެންފިއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ވޯޓުލީ އާބާދީގެ 54 އިންސައްތަ ވޯޓާ އެކު މުއިއްޒު ވަނީ އިންތިޚާބު ކާމިޔާބު ކުރައްވައިފައެވެ. ވެރިކަމުގައި ހުންނެވި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ.
މުއިއްޒަށް މަރުހަބާ ވިދާޅުވެ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ވަރުގަދަކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ އެއްބާރުލުން އިތުރަށް ހަރުދަނާ ކުރަން އެ ގައުމުން ބޭނުންވާ ކަމަށެވެ.
"އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާ އިން އަބަދު ވެސް ބޭނުން،" މޯދީ ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް މުއިއްޒަށް މޯދީ މަރުހަބާ ވިދާޅުވެފައިވާއިރު، އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތީ މި ސަރުކާރުން އިންޑިއާއާ ދެމެދު ބޭއްވި ގުޅުމާއި ހަދާފައިވާ ބައެއް އެއްބަސްވުންތަކާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަފުޅު ދެއްކެވުމަށް ފަހުގައެވެ. މުއިއްޒު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ ސިފައިން ތިބި ކަމަށް ތުހުމަތު ކުރައްވައި، އެ އެންމެން އަނބުރާ ފޮނުވައިލައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
އެ މަނިކުފާނު ވަނީ މި ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުންތައް ބަލައި، އެއިން އެއްވެސް އެއްބަސްވުމެއްގައި ގޯސް އެއްވެސް ކަމެއް ވޭތޯ ބަލައި، އެ އެއްބަސްވުންތައް މުރާޖައާ ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ޕީޕީއެމުން މީގެ ކުރިން ވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ވެސް ބޮޑު ސިޔާސީ ހަރަކާތެއް ހިންގައިފައެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ތުހުމަތުކޮށް، ހިންގި ކެމްޕޭނާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ވެސް މީގެ ކުރިން ވަނީ ބަޔާން ނެރެފައެވެ.