01 Oct 2023, 11:07
ޗައިނާއާއި ރާއްޖެއަކީ ބައިނަލްއަޤްވާމީ ޑިޕްލޮމެސީގެ ދާއިރާގައި ގިނަ ދުވަސްތަކެއްވީ، ލާމަސީ ގުޅުމެއް އޮންނަ ދެ ޤައުމެވެ. ދެ ޤައުމުގެ މި ގުޅުމަށް ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މި ގުޅުން ބިނާވެފައި ވަނީ އިޙްތިރާމާއި، ހަމަހަމަކަމާއި، އެއްބާރުލުމުގެ އިތުރުން ވަކި ނިޒާމުތަކާއި ސަޤާފަތްތަކެއް އޮތް ނަމަވެސް އެއްބާރުލުން ދިނުމުގެ ތަފާތު މޮޑެލްއަކަށެވެ. ޗައިނާގެ "ބެލްޓް އެންޑް ރޯޑް" ކުރިއަށް ގެންދިއުމުގައި ރާއްޖެއިން އެއްބާރުލުންދީ، މަސައްކަތް ކުރަމުންދާއިރު، މި ޕާޓްނަޝިޕުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރުމާއި، މަސައްކަތުގައި އެހީ ދިނުމާއި، ހިއްސާކުރެވޭ ފައިދާތަކުގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް "ފަސް ލިންކެއް" އުފައްދާފައެވެ. މި ގުޅުންތަކުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ވަނީ އިތުބާރާއި، އިޤްތިޞާދީ އެއްބައިވަންތަކަމާއި، ސަޤާފީ ގޮތުން ގުޅުން ބަދަހިވެފައެވެ.
ޕޮލިސީ ކޮމިއުނިކޭޝަން
ދެހާސް ސާދަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، ޗައިނާގެ ވެރިއަކު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޖުލައި 2021ގައި ރައީސް ޝީ ޖިންޕިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ފޯނުން ވާހަކަ ދައްކަވައި، މުހިންމު މަޝްވަރާތަކެއް ކުރައްވާ އެއްބަސްވުންތަކަކަށް އައިސްފައެވެ. މިގޮތުން ދެޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމަށާއި، އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ބެހޭ ގޮތުން މަޝްވަރާކުރެވިފައިވާއިރު، މިކަންކަމުގެ ސަބަބުން ޗައިނާ އާއި ރާއްޖޭގެ ގުޅުން ހަރުދަނާ ކުރުމަށް މަގުފަހިވެގެންދިޔައެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޭރުގެ ޗައިނާގެ ސްޓޭޓް ކައުންސިލަރު އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވިއެވެ. މި އަހަރުގެ އޭޕްރީލް މަހު ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް "ޗައިނާ-މޯލްޑިވްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްލޭން (2023-2025)" އާއި އެހެނިހެން އެއްބާރުލުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވްގެ ދަށުން ޗައިނާއާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް ބާރުއެޅުމުގެ މަސައްކަތް ފެށިއެވެ. އެއާއެކު ދެ ފަރާތުން ވެސް ވަނީ ރާއްޖޭގެ އިންވެސްޓްމަންޓް ޕޮލިސީތަކާ މެދު ޗައިނާގެ ކުންފުނިތަކަށް މައުލޫމާތު ދިނުމަށް "ބެލްޓް އެންޑް ރޯޑް" ބިޒްނަސް ފޯރަމެއް ކާމިޔާބުކަމާއެކު ބާއްވައިފައެވެ.
އުމްރާނީ ތަރައްޤީ

ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް"ގެ ދަށުން ހިންގި އެންމެ މުހިންމު މަޝްރޫއަކީ ދެ ކިލޯމީޓަރުގެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމެވެ. މި މަޝްރޫޢުގެ ސަބަބުން ވެރިރަށް މާލޭ ސަރަޙައްދުގައި، އުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމަށް ފަސޭހަވެ، އިޖްތިމާޢީ އިޤްތިޞާދީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދެއެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ އޮގަސްޓް މަހު ރަސްމީކޮށް ލޯންޗުކުރި މި ބްރިޖުން ވަނީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް މަގުފަހިކޮށްދީފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު

ރާއްޖޭގެ މައި ދޮރޯށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ އިގްތިސާދީ އެންމެ ބޮޑު އިންޑަސްޓްރީ، ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ މުހިންމު އެއް ތަނެވެ. ޗައިނާގެ އެހީގައި ވީއައިއޭ ފުޅާކުރުމާއި އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ސަބަބުން އެއާޕޯޓުގެ ކެޕޭސިޓީ ދެގުނަ އިތުރުވެ، ރާއްޖޭން ބޭރުގެ ކަނެކްޓިވިޓީ ކެޕޭސިޓީ އިތުރުވެގެންދެއެވެ. ބީޔޫސީޖީން ހިންގި މި މަޝްރޫއުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުޅަނގު އޭޕްރަން ފުޅާކުރުމާއި، ބޮޑު ރަންވޭއެއް ތަރައްގީކުރުމާއި، އާ ވީއައިޕީ ޓާމިނަލެއް ހެދުމުގެ މަސައްކަތް ކުރެވުނެވެ. މިދިޔަ އަހަރުގެ ޖެނުއަރީ 31ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ބޭނުން ކުރަން ފެށުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކޯޑް-4އީ އިން ކޯޑް-4އެފް އަށް އަޕްގްރޭޑްކޮށްފައިވެއެވެ. ވީއައިއޭ ފުޅާކޮށް އަޕްގްރޭޑް ކުރުމަށްފަހު ކުރިން އަށް ފްލައިޓު ޖެއްސި އެއަޕޯޓުގެ ކެޕޭސިޓީ އިތުރުވެ، އާ ރަންވޭގައި ގަޑިއަކު 21 މަތިންދާބޯޓެއް ޖެއްސެއެވެ. އަދި ވީއައިއޭއިން މިހާރު އަހަރަކު 8.57 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭއިރު، ކުރިން ދެވެނީ 4.3 މިލިއަން ފަސިންޖަރުންނަށެވެ. ވީއައިއޭގައި މިހާރު 121000 ޓަނުގެ މުދާ އުފުލޭއިރު، މީގެ ކުރިން އުފުލެނީ 65000 ޓަނުގެ މުދަލެވެ. އަދި ތެލުގެ ކެޕޭސިޓީ 15 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް ވަނީ އިތުރުވެފައެވެ.
ކެޕިޓަލް އެއާލައިންސް، ޗައިނާ އީސްޓަން އެއާލައިންސް، އަދި ސިޗުއަން އެއާލައިންސް އިން ޗައިނާ އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ތައާރަފް ކުރުމުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދަށް ގިނަ ހެޔޮ ބަދަލްތަކެއް އައިސްފައިވެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަށް

ޗައިނާއިން ދަނީ ރާއްޖޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ. ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން ޗައިނާ ސަރުކާރުން ވަނީ 10،000އަށް ވުރެ ގިނަ ހައުސިން ޔުނިޓް އެޅުމުގައި ރާއްޖޭގެ ސަރުކާރަށް އެހީތެރިވެދީ، އެތައް ހާސް އާއިލާއެއްގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ. ހުޅުމާލެ ފޭސް އެކަކީ 2010 ވަނަ އަހަރު ފެށި ޗައިނާ-މޯލްޑިވްސް ހައުސިން ޕްރޮޖެކްޓް ދަށުން ހިންގޭ މަޝްރޫޢުއެކެވެ. ދެހާސް ސާދަ ވަނަ އަހަރު ރާއްޖޭ ސަރުކާރުން ވަނީ ޗައިނާއާއެކު ހުޅުމާލެ ފޭސް-2 އެއްބަސްވުމުގައި ސޮއިކޮށް، 1500 ހައުސިން ޔުނިޓް އިމާރާތްކޮށްފައެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ މާޗް މަހު، ހުޅުދޫގައި 1344 ހައުސިން ޔުނިޓާއި ޕާކިންގެ ވަސީލަތްތައް ފޯރުކޮށްދޭ ހައުސިން ޕްރޮޖެކްޓް ފޭސް ތިނެއްގެ މަސައްކަތް ފަށައި މިހާރު ނިމިއްޖެއެވެ. ދެހާސްވިހި ވަނަ އަހަރުގެ މާޗް މަހު ހިޔާ ފްލެޓްގެ ނަމުން މަޝްހޫރު އަދި ސީއެސްސީއީސީން އިމާރާތްކުރި 7000 ހައުސިން މަޝްރޫއު ނިމި، ހުޅުމާލޭގައި 16 އިމާރާތާއެކު 7000 ހައުސިން ޔުނިޓް ތަރައްޤީކޮށްފައިވެއެވެ. ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގެ ސަބަބުން އެތައް ހާސް ދިވެހިންނަށް އޭގެ ފައިދާ ލިބެ އެވެ.
ރޯޑް ޑިވެލޮޕްމަންޓް

ޗައިނާއިން ރާއްޖޭގައި ހިންގި ފާހަގަކޮށްލެވޭ މަޝްރޫއުތަކުގެ ތެރޭގައި ލާމު ލިންކް ރޯޑް މަޝްރޫއު ހިމެނެއެވެ. ދެހާސް ސާދަ ވަނަ އަހަރު ފެށި މި މަޝްރޫއުގެ ދަށުން ލާމުގެ ހަތަރު ޖަޒީރާއެއް ކަމަށްވާ ފޮނަދޫ، ކައްދޫ، މާންދޫ، އަދި ގަން ގުޅުވައިދޭ 16.5 ކިލޯމީޓަރުގެ ލިންކް ރޯޑެއް ތަރައްގީ ކުރެވުނެވެ. މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާފައިވާއިރު، އެ މަގު ހުޅުވީ 2016 ވަނަ އަހަރު އެވެ.
އިޖްތިމާޢީ ތަރައްޤީ
ޗައިނާއިން ރާއްޖެއަށް ދަނީ އެކި ދާއިރާތަކުން އެހީ ދެމުންނެވެ. ކުނި މެނޭޖްކުރުމާއި ތިމާވެށި ހިމާޔަތްކުރުމަށް ބާރުއެޅުމުގެ ގޮތުން 2014 ވަނަ އަހަރު ޗައިނާއިން ވަނީ 31،525 ޑޮލަރުގެ އަގުހުރި 200 ޓްރޭޝް ބިން ހަދިޔާކޮށްފައެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ ބެލްޓް އެންޑް ރޯޑް ފޯރަމްގެ ތެރެއިން 'ބީއާރުއައި އިންޓަނޭޝަނަލް ގްރީން ޑިވެލޮޕްމަންޓް ކޯލިޝަން' ފަށަން ރާއްޖެ ހިމެނޭ ގޮތަށް 25 ގައުމަކާ ގުޅިގެން ޗައިނާއިން ދޭ އެހީތެރިކަން ކުރިއަށް ގެންދިޔަ އެވެ. ޗައިނާއިން ކޯވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމުގައި ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން 200،000 ސައިނޯފާމް ވެކްސިން ޑޯޒް ހަދިޔާކުރިއެވެ. ރާއްޖެ އިން ވަނީ 80 ޕަސެންޓްގެ ވެކްސިން ރޭޓް ހާސިލް ކުރުމުގައި ޗައިނާއިން އަދާކުރާ ދައުރަށް ޝުކުރު އަދާކޮށްފައެވެ. ސަގާފީ ގުޅުންތައް އާލާކުރުމުގެ ގޮތުން ޗައިނާއިން ވަނީ 2014 ވަނަ އަހަރު ސަގާފީ ތަކެތި ހަދިޔާކޮށް، ޗައިނާ-މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އުފެއްދާފައެވެ. ސީއެމްސީއޭ އަކީ ސަގާފީ ބަދަލުތައް ފަހިކޮށްދީ، ޗައިނާގެ ޔުނިވާސިޓީތަކުގައި ކިޔަވަން އުޅޭ ދިވެހި ދަރިވަރުން ސްޕޮންސަރކޮށް، އެކި ދާއިރާތަކުން ދެގައުމުގެ އެއްބާރުލުން ކުރިއެރުވުމެވެ.
ވިޔަފާރި
ފާއިތުވި އަހަރުތަކުގައި ޗައިނާ އާއި ރާއްޖޭގެ ދެގައުމުގެ ވިޔަފާރި ކުރިއަރާފައިވާއިރު، ޓްރޭޑް ވޮލިއުމް ދަނީ އެއްވަރަކަށް އިތުރުވަމުންނެވެ. މިދިޔަ އަހަރު ޗައިނާއާއި ރާއްޖެއާ ދެމެދު ދެގައުމުގެ ވިޔަފާރި 451 މިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ އަހަރުން އަހަރަށް ބަލާއިރު 10.1 ޕަސެންޓްގެ އިތުރުވުމެކެވެ. ޗައިނާ އާއި ރާއްޖެއާ ދެމެދު އެއްބަސްވުމަކަށް އައިސްފައިވާއިރު، ޗައިނާއާއި ރާއްޖޭގެ ފްރީ ޓްރޭޑް އެގްރީމަންޓް އެކުލަވާލާ، މިހާރު މިކަމުގައި އިންތިޒާރު ކުރަމުން ދަނީ އެގްރީމަންޓަށް ދިވެހި ސަރުކާރުން ރުހުން ހޯދުމަށެވެ. މި އެއްބަސްވުން ތަންފީޒު ކުރެވުމުން ވިޔަފާރީގެ ހުރަސްތައް ނައްތާލެވި، ވިޔަފާރީގެ ހަރަދުތައް ކުޑަކުރުމަށް އެހީތެރިވެދޭނެ އެވެ.
ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައި އޮންނަ ގުޅުމާއި ދެ ގައުމުގެ ރައްޔިތުންގެ ސަގާފީ ބަދަލުކުރުންތައް ފާއިތުވި އަހަރުތަކުގައި ވަނީ ވަރުގަދަވެފައެވެ. ދެ ފަރާތުން ވެސް ވަނީ އެއް ޤައުމު އަނެއް ޤައުމުގެ މެދުގައި ބަހާއި ސަގާފަތުގެ ކޯސްތައް ވަނީ ހިންގަން ފަށާފައެވެ.
ޗައިނާގެ ޓޭބަލް ޓެނިސް ޓީމު ވަނީ އެތައް ފަހަރަކު ކޯޗިން ސެޝަންތައް ހިންގުމަށް ރާއްޖެ އަށް ޒިޔާރަތްކޮށްފައެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ޗައިނާގެ އެހީގައި ގާއިމްކޮށްފައިވާ ލޮލުގެ މަރުކަޒުން ވަނީ ދިވެހި ބަލިމީހުންނަށް ވަރަށް މުހިންމު ފަރުވާއެއް ފޯރުކޮށްދީފައެވެ. ޗައިނާއިން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން ޕްރޮފެޝަނަލް ނޮލެޖް ލިބިގަތުމުގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް ޗައިނާގެ މައުލޫމާތު ލިބިގެންދެއެވެ. މީގެ އިތުރުން، މިއަހަރުގެ ކުރީކޮޅު އަމަލުކުރަން ފެށި "ޗައިނާ-މޯލްޑިވްސް އެގްރީމަންޓް އޮން މީއުޗުއަލް ވިސާ އިސްތިސްނާ"ގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ރައްޔިތުންނާ ދެމެދު ވަރުގަދަ ގުޅުންތަކެއް އުފެދިގެންދާނެއެވެ.
މިއަހަރަކީ ރައީސް ޝީ ޖިންޕިން "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" ހުށަހެޅުއްވިތާ 10 އަހަރު ފުރޭ އަހަރެވެ. ޗައިނާއާއި ރާއްޖެ އިންވެސް އެއް ޤައުމު އަނެއް ޤައުމާ ގުޅިގެން އަމަލީ އެއްބާރުލުން އިތުރަށް ވަރުގަދަކޮށް، "ބެލްޓް އެންޑް ރޯޑް" ގެ މަތީ ފެންވަރުގެ ޖޮއިންޓް ކޮންސްޓްރަކްޝަން ކުރިއެރުވުމަކީ އުންމީދެކެވެ.