ރަށްޓެހިންނާއި އެކުވެރިންގެ އިތުރުން އޮފީސް މީހުން އެއް ވެގެން ތަފާތު އެކި ގްރޫޕުތައް ހަދާނެއެވެ. ހުރިހާ ޕްލެޓްފޯމަކުން ކޮންމެ ވެސް ކަނެއްގައި އަބަދު ކޮންމެ ވެސް އެއް އެކްޓިވް ގްރޫޕެއް އިންނާނެއެވެ. މިއިން ކޮންމެ ވެސް ޗެޓެއް އަބަދު ވެސް އެކްޓިވް ވާނެއެވެ. ނަމަވެސް ގްރޫޕު ޗެޓުގައި ކޮންމެހެން އިންނަން ނުޖެހޭކަމަށް ބުނެފިއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ރަށްޓެހިން އުޅޭ ނޫޅޭ ގޮތްތައް އަބަދު އަޕްޑޭޓް ވުމަށް ހަދާފައި ހުންނަ ގްރޫޕު ޗެޓު ތަކަކީ ގިނަ ފަހަރަށް މަޖާ އެއްޗަކަށް ވާނެއެވެ. ބަރި ބަރިއަށް ޖޯކުތައް ޖަހަމުން ދާއިރު ވަރަށް ފޫހި ފިލަައެވެ. ނަމަވެސް މި މަޖާ ކަމަކީ އަބަދު ގްރޫޕުތަކުގައި އޮންނަ އެއްޗެއް ނޫނެވެ. ކޮންމެ ވެސް ހިސާބަކު ގްރޫޕުގެ ތެރޭގައި ހަމަނުޖެހުމެއް ހިނގާނެއެވެ.

އަނެއް ވައްތަރު ގްރޫޕަކީ އޮފީސް ގްރޫޕެވެ. މިއީ މަސައްކަތް ކުރާ ތަނެއްގައި އެންމެން ވެސް އުޅެން ޖެހޭ ގްރޫޕެކެވެ. ގްރޫޕު ހަދާފައި އޮންނާނީ އޮފީހުގެ ކަންތައްތައް އަޕްޑޭޓް ކުރާށެވެ. ނަމަވެސް ބައެއް ހިސާބުން ބައެއްގެ ވާހަކަތަކާ ހެދި މުޅި ނޮޓިފިކޭޝަންތައް ވެސް ފުރޭ ހިސާބަށް ދާނެއެވެ.

މިކަމަ ގުޅިގެން ގިނަ ފަހަރަށް ގެއަށް ދެވޭ އިރު ވެސް ހީވަނީ މަސައްކަތުގައި އުޅޭ ހެނެވެ.

"އަހަރެންނަށް ވަރަށް އުނދަގޫވޭ އޮފީސް ލައިފް އާ ޕާސަނަލް ލައިފް މިކްސް ވަންޏާ. އެހެންވީމާ އޮފީސް ނޫން ގަޑިތަކުގައި އޮފީހުގެ ކަންތައްތަކުގައި އިންޓަރެކްޓު ވުމަކީ ވަރަށް ފޫހިވާ ކަމެއް،" އުމުރުން 26 އަހަރުގެ ޒިޔާނާ ސާއިފް ކިޔައިދިނެވެ.

ޒިޔާނާ ކިޔައިދިން ގޮތުގައި އޮފީސް ގްރޫޕު ޗެޓުތަކަކީ އޭނާ ވަރަށް ފޫހިވާ އެއްޗެކެވެ. އަދި ރަސްމީ ގަޑީން ބޭރުން ކޮންމެހެން ޗެޓުކޮށް ހެދުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

"އެކަމު އިމާޖެންސީ އެއް އައިސްދާނެ. އެކަހަލަ ހާލަތެއްގައި އެނގޭ ކޮންމެހެން ވާހަކަ ދައްކަން ޖެހޭނެކަން،" އޭނާ އިތުރަށް ކިޔައިދިނެވެ.

މި ހާލަތްތަކަކީ އެކުވެރިންގެ ގްރޫޕު ޗެޓަކާ ހިލާފަ ހާލަތެކެވެ. ގްރޫޕު ޗެޓުގައި މައްސަލައެއް ޖެހިލާއިރަށް ނިކުމެވިދާނެއެވެ. ނަމަވެސް އޮފީސް ގްރޫޕުތަކަކީ ނުކުންނަން ފަސޭހަ އެއްޗަކަށް ނުވެދާނެއެވެ.

ރަށްޓެހިންގެ ކަންތައްތައް ބަލަން ބޭނުންވާ ނަމަ ވަކީން އެކަމެއް ކުރުމަކީ ގޯސް ކަމެއް ނޫނެވެ. ކޮންމެހެން ގިނަ ގްރޫޕުތަކެއް ހަދާނެ ކަމެއް ނެތެވެ. މައްސަލައެއް ޖެހުމުގެ ކުރީން ގްރޫޕުން ނިކުތުން އެއީ ގޯސް ކަމެއް ނޫނެވެ. ބައެއް ފަހަރު މައްސަލަތައް ގޯސްވެ އެކަކު އަނެކަކާ ވާހަކަ ނުދައްކާ ހިސާބަށް ވެސް ގްރޫޕު ޗެޓުތައް ދެއެވެ. އެހެންވީމާ އެކަން ވިޔަ ނުދީ ހުއްޓުވާލުން ރަނގަޅުވާނެއެވެ. އޮފީސް ޗެޓުތައް ޑިލީޓް ނުކުރެވޭ ނަމަ އެ ޗެޓުތައް ރަސްމީ ނޫން ގަޑިތަކުގައި އަބަދުވެސް މިއުޓު ކޮށްލާފައި ބައިންދާށެވެ. މިއީ މީހާގެ ބޮލަށް ފަަސޭހަ ވާނެ ކަމެއް ކަން ޔަގީނެވެ.