01 Oct 2023, 10:37
ހޮލީވުޑްގެ އެންމެ މަގުބޫލު ތަރިންގެ ތެރޭގައި ހިމެނޭ ޖެނިފާ އެނިސްޓަން އަކީ ވަރަށް ޒުވާން އިރުން ފެށިގެން ޕަބްލިކަށް ފެނިގެން ދިޔަ ތަރިއެކެވެ. އެތައް އަހަރެއް ވަންދެއް ކެމެރާ ކުރިމަތިން ފެނުނު އިރު ވެސް އެނިސްޓަންގެ ހަށިގަނޑުގެ ވާހަކައަކީ އަބަދުވެސް މީހުން ދައްކާ ވާހަކައެކެވެ. އެންމެފަހުން އޭނާ ވަނީ އޭނާ ހަށިގަނޑު ޝޭޕުގައި ބަހައްޓާ ގޮތުގެ ސިއްރު ކިޔައިދީފައެވެ.
ވަރަށް ޒުވާން އިރުން ފެށިގެން އެނިސްޓަން ވަނީ މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދަން ފަށާފައެވެ. ހިޓް ސިޓްކޮމް ޝޯ "ފްރެންޑްސް" އާއެކު ދުނިޔޭގެ މަގުބޫލުކަން ހޯދިއިރު އެނިސްޓަން ވެފައިވަނީ އޭރުގެ "އިޓް ގާލް" އަށެވެ. އެހެންވީމާ އޭނާ ހަށިގަނޑު ބަހައްޓާ ގޮތުން ފެށިގެން ހެދުން އަޅާގޮތަށް މީހުންގެ ފާޑު ކިޔުން ރައްދުވެއެވެ.
މިހާރު އުމުރުން 54 އަހަރު ވެފައިވާއިރު ވެސް އެނިސްޓަންގެ ހަށިގަނޑު ހުރީ ހަމަ ވަރަށް ފިޓުކޮށެވެ. މިގޮތަށް ފިޓުކޮށް ހަށިގަނޑު ބެހެއްޓުމަށް ހަތަރު ކަމެއް ކުރާ ކަމަށް އެނިސްޓަން ބުންޏެވެ.
"ސީއާރު ފެޝަން" ފޮތުގެ ކަވާގައި މި ފަހަރު އެނިސްޓަން ފީޗާ ކޮށްފައިވާއިރު އެއަށް ދިން އިންޓަވިއުގައި އޭނާ ބުނެފައިވަނީ ރަނގަޅު ޝޭޕެއްގައި ހުރެ ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށްޓަކައި އޭނާ ވަރަށް ބަލައިގެން ހަތަރު ކަމެއް ކުރާ ކަމަށެވެ.
ފުރަތަމަ ކަމަކީ ވަރަށް ގިނައިން ފެން ބުއިމެވެ. އަދި ދެވަނަ ކަމަކީ ކޮންމެ ދުވަހަކު ކޮންމެވެސް ވަރަކަށް ހަށިގަނޑަށް ކަސްރަތު ހޯދުމެވެ. ތިންވަނަ އަށް އެންމެ މުހިއްމު ކަމަކަށް އެނިސްޓަން ފާހަގަކުރަނީ ތާޒާ އެއްޗެހި ކެއުމެވެ. މުޅިންވެސް ތާޒާ މޭވާ އާއި ތަރުކާރީގެ އިތުރުން ޕްރޮސެސް ނުކޮށް ހުންނަ އެއްޗެހި ކެއުމަކީ ކޮންމެހެން ވެސް ކުރާ ކަމެއް ކަމުގައި އެނިސްޓަން ފާހަގަކުރެއެވެ.
އެނިސްޓަން ފާހަގަކުރާ ގޮތުގައި ހަތަރުވަނަ ކަމަކީ ރަނގަޅަށް ގަޑި ހަމަކޮށްގެން ނިދުމެވެ. ނަމަވެސް މިއީ އޭނާ އަށް އެންމެ އުނދަގޫ ކަންތައް ކަމުގައި ފާހަގަކުރިއެވެ.
އެނިސްޓަން އަކީ އިންސޮމްނިއާ ހުންނަ މީހެއް ކަމަށް އޭނާ ވަނީ އެކި ފަހަރު މަތީން ހާމަކޮށްފައެވެ. މިކަމާ ގުޅިގެން ނިދުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމެކެވެ.