30 Sep 2023, 23:22
ކާމިޔާބީގެ މި ވަގުތުގައި ދިވެހި ހުރިހާ ރައްޔިތުން ވެސް އެކަތިގަނޑަކަށްވެ އެއްބައިވަންތަވުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ މިހާރު އިއުލާންކުރަން ފަށައިފައިވާއިރު މިރޭ ޑރ. މުއިއްޒު ވަނީ ރައްޔިތުންނަށް ޚާއްސަ މެސެޖެއް ދެއްވައިފައެވެ.
އެގޮތުން ޑރ. މުއިއްޒު ވިދާޅުވީ މި ވަގުތަކީ ދިވެހި ހުރިހާ ރައްޔިތުން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށެވެ. ވަކިވަކި ކޮންމެ މީހަކަށްވުރެ ގައުމު މާ ބޮޑުކަމަށާއި ގައުމު އުޖާލާ ކުރުމަށް ގައުމީ މަސްލަހަތު އިސްކުރުން މާ މުހިންމުކަމަށެވެ.
"އަޅުގަނޑުމެންނަކީ ސުލްހަވެރި ބަޔަކަށްވާން ޖެހޭނެ. އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން ގެންނަން އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް މަސްލަހަތަށްވުރެ އެ މަސްލަހަތު [ގައުމީ މަސްލަހަތު] އިސްކުރައްވަންވާނެ. އަޅުގަނޑު އެދެނީ އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ގައުމުގެ ކަންކަމުގައި މި ދެންނެވި ވިސްނުން އިސްކުރާ ބަޔަކަށްވާން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއީ ގައުމަށް ކުރިއެރުން ލިބޭނެ މަގު ކަމަށެވެ.
މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ އޭނާ ހުންނަވާނީ އަބަދުވެސް އޭނާ ދެއްކެވި ވާހަކަތަކާ އެއްގޮތަށް ކަމަށެވެ. އޭނާގެ ކުރިމަތީގައި އެއްވެސް ދިވެއްސެއް ތަފާތުނުވާނެކަމަށާއި ކޮންމެ ކަމެއްގައި ވެސް އިސްކުރައްވާނީ ހަމަހަމަކަން ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮންމެ ދިވެހި ރައްޔިތަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް. ކޮންމެ ޕާޓީއެއްގައި ހުއްޓަސް އަޅުގަނޑުގެ ކުރިމަތީގައި އެއީ ދިވެހި ލޮބުވެތި ރައްޔިތެއް. އެއް ވަރަކަށް ހައްގު ލިބިގެންވަނީ. އެއްވަރަކަށް ހުރިހާ ކަމެއްގައި ވެސް ހަމަހަމަކަން ލިބިގެންވޭ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެއާއެކު ޑރ. މުއިއްޒު ތަކުރާރުކޮށްވަނީ ގައުމުގެ ހަމަޖެހުން ގެއްލޭ ކަމެއް ނުކުރުމަށް އިލްތިމާސް ކުރައްވައިފައެވެ. ކާމިޔާބީގެ އުފާ ފާޅުކުރާއިރު ވެސް ރިވެތި އަޚްލާގީ އުސޫލުތައް ހިފެހެއްޓުމަށް މުއިއްޒު އެދިވަޑައިގަތެވެ.
ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ މީހުން އުޅޭނެ ކަމަށާއި ނަމަވެސް އެ ފަދަ ކަމަކަށް އެއްވެސް މީހަކަށް ފުރުސަތު ނުދިނުމަށް ޑރ. މުއިއްޒު އެދިވަޑައިގަތެވެ.
ޑރ. މުއިއްޒު ވިދާޅުވީ މިއަދުގެ ނަތީޖާއިން ލިބިވަޑައިގަތީ ގައުމުގެ މުސްތަގްބަލް ބިނާކުރުމަށް ޓަކައި ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. އެއީ ގައުމުގެ މިނިވަންކަން ޔަގީންކުރުމަށް ޓަކައި ވެސް ލިބުނު ހިތްވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ ކުރިއަށް މި އޮތް ދުވަސްތަކަކީ ދިވެހި ލޮބުވެތި ރައްޔިތުން ތިޔަ އުންމީދުކުރައްވާ ގޮތަށް ގައުމުގެ ކަންކަން އަޅުގަނޑުމެންނަށް ގެންދެވޭނެ ދުވަސްތައް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ކުރީގައި އުޅުއްވަނީ މުއިއްޒެވެ. އެގޮތުން 586 ވޯޓު ފޮށީގެ ތެރެއިން އެންމެ ފޮއްޓެއް ފިޔަވާ ހުރިހާ ފޮއްޓެއްގެ ނަތީޖާ ލިބިފައިވާ އިރު، 18،000އަށް ވުރެ ގިނަ ވޯޓުން ކުރީގައި އުޅުއްވަނީ މުއިއްޒެވެ.
ރައީސަށް 1،07،444 ވޯޓު ލިބިފައިވާއިރު، މުއިއްޒު ވަނީ 1،26،140 ވޯޓު ކާމިޔާބު ކުރައްވާފައެވެ.