އަންނަ ރޯދަ މަހު އިސްލާމިކް މިނިސްޓްރީ އިން ހިންގަވާ ދީނީ ބައެއް ޕްރޮގްރާމްތަކަށް ނައިބު ރައީސް މުހައްމަދު ވަހިއްދީން (ޑީން) އަމިއްލަ ފުޅަށް އެހީތެރިވެދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސްކަމާ ޑީން ހަވާލުވެވަޑައިގަތުމަށް ފަހު އެ މަނިކުފާނު މިނިސްޓްރީތަކުގެ އިސްވެރިންނަށް ތައާރަފުވުމުގެ ގޮތުން މިއަދު ފުރަތަމަ އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވައި އެ މިނިސްޓްރީގެ ކަންކަން ހިންގާ ނުހިނގާ ގޮތް ވަނީ ބައްލަވާލައްވައިފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ އެކި އެކި ޕްރޮގްރާމްތަކަށް އަންނަ އަހަރު ބަޖެޓް ކަނޑައަޅާ އިރު ސަރުކާރުން ވަރަށް މުހިންމުކޮށް އިސްކަން ދެއްވާނެ ކަމަށް ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފަ އެވެ. އިސްލާމިކް މިނިސްޓްރީގެ ބަޖެޓްގައި ކަންކަންކުރާނެ ފައިސާ ނެތުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު އެ މިނިސްޓްރީން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދަވާ ކޮންމެވެސް އެއް ޕްރޮގްރާމަކަށް އެހީތެރިވެ ދެއްވާނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެމަނިކުފާނު ވުޒާރާއާ ހަވާލުވެވަޑައިގަތުމުގެ ކުރިން އިސްލާމިކު މިނިސްޓްރީގެ ދަށުން ކުރިން ހިންގި މިސްކިތްތަކާއި އިމާމުން ފަދަ ކަންކަން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދިއުން އެއީ ވަރަށް ކަންބޮޑުވެ ވަޑައިގެންނަވާ ކަމެއް ކަމަށާއި އެފަދަ ކަމެއް ކުރިމަތިވުމުން މިނިސްޓްރީ ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ މީގެ ކުރިން އިސްލާމީ ކަންތަކާ ބެހޭ އެންމެ މަތީމަޖިލިހުގެ ގޮތުގައި އެވުޒާރާ އޮތްއިރު ވެސް އޭރުގެ ބަޖެޓުން 150 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބަޖެޓެއް އޭރުލިބުނު އިރު ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ބަޖެޓް ހީނަރުވެ، އެ ދަދަދު 50 މިލިއަނަށް ވެއްޓިފައިވާ ކަމަށެވެ.

"ކުރިން މިތާގެ ބެޖެޓަކީ 150 މިލިއަން ރުފިޔާވަރު. ނަމަވެސް ވޭތުވެ ދިޔަ ތިން އަހަރު ވަނީ މިތާގެ ބަޖެޓް އުނިވެފައި. ގާތްގަނޑަކަށް 50 މިލިއަން ނުވަތަ އެއަށް ވުރެ ދަށަށް ވަނީ ވެއްޓިފައި. އެހެން ކަމުން މިތާގެ ހިދުމަތްތައް މިވަނީ ވަރަށް ބޮޑަށް ބަލިކަށި ވެފައި،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީން ދީނީކަންކަން ކުރުމަށް ސަރުކާރުން ބަޖެޓް ދީފައިވީ ނަމަވެސް މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ވަރަށް ފައިސާ ބަޖެޓް ކޮށްފައި ނުވާ ކަމަށެވެ. އަދި 28 އަހަރުވަންދެން މެދުކެނޑުމެއްނެތި ސަރުކާރުން ހަރަދުކޮށްގެން ބާއްވަމުން އައި ގައުމީ ގުރުއާން މުބާރާތަށް ބޭނުންވާ ފައިސާ ހަރަދުކުރާމިންވަރަށް ވެސް ލިބިފައި ނެތުމުގެ ސަބަބުން ޒަކާތުގެ ފަންޑުން ފައިސާ ބޭނުންކޮށްގެން އެމުބާރާތް ބޭއްވުނު ކަމަށެވެ.

ނައިބު ރައިސް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ދީނީކަންކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތައް މިހާރުގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.