ތެހެރާން (30 ސެޕްޓެމްބަރު 2023): މިދިޔަ ބުރާސްފަތި ދުވަހު އީރާނުން ފަޒާއަށް ފޮނުވާލި އާ ސެޓަލައިޓް "ނޫރު 3" ބިމުގެ ސަތަހުން 450 ކިލޯމީޓަރުގެ އޯބިޓެއްގައި ކާމިޔާބުކަމާ އެކު ދަތުރުކުރަމުންދާ ކަމަށް އީރާނުގެ ފަޒާއާބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

އެ އިދާރާ ބުނާގޮތުން މިއީ މިހާތަނަށް އެ އިދާރާއިން ފަޒާއަށް ފޮނުވި ސެޓަލައިޓްތަކުގެ ތެރެއިން އެންމެ ކާމިޔާބުކަމާ އެކު އަދި އެއްވެސް ޓެކްނިކަލް މައްސަލައެއް ނެތި ފޮނުވި އެންމެ ބޮޑު ސެޓަލައިޓެވެ.

އީރާނުން މިހާތަނަށް ހަ ސެޓަލައިޓެއް އަމިއްލަ ޓެކްނޮލޮޖީގައި ވަނީ ފަޒާއަށް ފޮނުވާފައެވެ. މި ސެޓައިލްތައް އުފައްދާފައިވަނީ ވެސް އަދި އެ ތަކެތި ފޮނުވާ ބިޔަ ރޮކެޓްތައް އުފައްދާފައިވަނީ ވެސް އީރާނުންނެވެ. އީރާނުގެ ސައެންސްވެރިންނާއި އިންޖިނޭރުންނެވެ.

ފަޒާގެ ދާއިރާގައި މި ހިސާބަށް އާދެވުނުއިރު އީރާނަށްވަނީ ސެޓަލައިޓްތައް ޖައްވުގެ އޯބިޓްތަކުގައި ބެހެއްޓުމުގެ ޓެކްނޮލޮޖީގައި ބޮޑެތި ނާކާމިޔާބީތަކާ ވެސް ކުރިމަތިލާން ޖެހިފައެވެ. މީގެ ތެރޭގައި ސެޓަލައިޓް ފޮނުވުމަށް ބޭނުންކުރާ ރޮކެޓްތަކުގެ ސްޕީޑް ދަށްވުމުގެ ސަބަބުން އޯބިޓްގައި ސެޓަލައިޓް ނުބެހެއްޓި ވެއްޓުމާއި ސެޓަލައިޓް ފޮނުވާ ރޮކެޓްތަކަށް ޓެކްނިކަލް މައްސަލަތައް ދިމާވުންފަދަ ކަންކަން ހިމެނެއެވެ.

އީރާނުން ފޮނުވި "ނޫރު 3 ސެޓަލައިޓް"

އީރާނުން ވަނީ 2020 ވަނަ އަހަރު ފަޒާއަށް އިންސާނަކު ފޮނުވުމަށް ވެސް ޕްލޭންކޮށްފައެވެ. ނަމަވެސް އެ ލަނޑުދަނޑި އީރާނަށް އަދި ހާސިލް ކުރެވިފައެއް ނުވެއެވެ. މިހާރު އީރާން ޕްލޭންކޮށްފައިވަނީ 2025 ވަނަ އަހަރު ތެރޭގައި ފަޒާއަށް އިންސާނަކު ފޮނުވުމަށެވެ. އެކަމުގެ ތަމްރީންތައް އެ ގައުމުން މިހާރު ވެސް ކުރިއަށް ގެންދެއެވެ.

ހުޅަނގުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ މި ދާއިރާގައި އަމިއްލަ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް އީރާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ފަޒާގެ ސިނައަތާބެހޭ ޓެކްނޮލޮޖީގެ ހުރިހާ ބާވަތެއް އީރާނަށް ޖެހިފައިވަނީ އަމިއްލައަށް އުފައްދާށެވެ. ނަމަވެސް ޔުކްރެއިން ހަނގުރާމައަށް ފަހު ހުޅަނގާއި ރަޝިއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ އެކު ރަޝިއާވަނީ ފަޒާގެ ޓެކްނޮލޮޖީގައި އީރާނަށް އެހީތެރިވާން ފަށާފައެވެ.

އެމެރިކާއާއި ޔޫރަޕްގެ ޒަމާންވީ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ވެސް ފަޒާގެ ދާއިރާގައި އިސްލާމީ އެއްވެސް ގައުމަކަށް މިހާތަނަށް ކުރިޔަށް ދެވިފައިނުވާ ވަރަށް އީރާންވަނީ ކުރިއަށް ގޮސްފައެވެ.

އަމިއްލަ ޓެކްނޮލޮޖީގައި ސެޓަލައިޓް އުފައްދުމަކީ ގިނަ ގައުމުތަކަކަށް މިހާރު ކުރެވޭ ކަމެކެވެ. ނަމަވެސް އަމިއްލަ ޓެކްނޮލޮޖީގައި ފަޒާގެ ރޮކެޓް އުފައްދައިގެން އެރޮކެޓްގެ އެހީގައި ފަޒާއަށް ސެޓަލައިޓް ފޮނުވުމުގެ ގާބިލުކަން މިހާތަނަށް ހޯދާފައިވާ ހަމައެކަނި އިސްލާމީ ގައުމަކީ އީރާނެވެ. ޕާކިސްތާނުން ތަންކޮޅެއް ކުރީގައި ފަޒާގެ އަމިއްލަ ޕްރޮގްރާމެއް ފެށި ނަމަވެސް އެކަން ފައިސާގެ ދަތިކަމުން އެކަން އިތުރަށް ތަރައްގީކޮށް ކުރިއަށް ގެންދިއުމުގައި ޕާކިސްތާން ވަނީ ނާކާމިޔާބުވެފައެވެ.

އީރާނުގެ އަވަށްޓެރި ތުރުކީއަކީ ވެސް އަމިއްލައަށް ސެޓަލައިޓް އުފައްދާ ގައުމެކެވެ. ނަމަވެސް ތުރުކީއަށް ވެސް އަމިއްލަ ޓެކްނޮލޮޖީގެ ރޮކެޓެއް ފަޒާއަށް ފޮނުވާލެވޭ ފެންވަރަށް އަދި ރޮކެޓް ސައެންސް ތަރައްގީ ކުރެވިފައެއް ނުވެއެވެ.

ދުނިޔޭގައި ސައެންސްގެ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން ވެސް މަދު ގައުމަކަށް ނޫނީ އަމިއްލަ ޓެކްނޮލޮޖީގައި ރޮކެޓް އުފައްދައިގެން އެތަކެތީގެ އެހީގައި ފަޒާއަށް ސެޓަލައިޓް ފޮނުވުމުގެ ގާބިލުކަން ލިބިފައެއް ނުވެއެވެ.

އިނގިރޭސިވިލާތް ވެސް ވަނީ އަމިއްލަ ޓެކްނޮލޮޖީގައި އުފެއްދި ރޮކެޓެއްގައި ސެޓަލައިޓެއް ފޮނުވަން ދާދި ފަހުން ކުރި މަސައްކަތް ނާކާމިޔާބުވެފައެވެ.

އީރާނުގެ ފަޒާއާ ބެހޭ އިދާރާގެ ވެރިޔާ ހުސައިން ދިލިރްޔާން ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އީރާނުން ފަޒާއަށް ފޮނުވި "ނޫރު 3"ގެ ނަމުން ނަންދީފައިވާ ސެޓަލައިޓަކީ އަސްކަރީ ސެޓަލައިޓެކެވެ. އެއީ ފަޒާގެ މަގުން ގައުމުތަކަށް ޖާސޫސުކުރުމާއި އަސްކަރީ ތަންތަނުގެ ފޮޓޯ ނެގުމާއި އަސްކަރީ އަދި ޖާސޫސީ ސިގްނަލްތަކާއި ފްރިކުއެންސީ ތަކުގެ މައުލޫމާތު ބިމުގައިވާ އީރާނުގެ ކަމާބެހޭ މަރުކަޒަށް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ސެޓަލައިޓެކެވެ.