ސަރުކާރުގެ ގެޒެޓްގައި މިހާރު ޖަހަމުން އަންނަ ކުދި އިއުލާންތަކާއި ދެންނެވުންތަކާއި އިޝްތިހާރުތައް ގެޒެޓްގައި ނުޖަހައި އަމިއްލަ މީޑިއާތަކަށް ދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.

ރައީއުސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އެޑްރެސްކޮށް އެމްޖޭއޭ އިން އިއްޔެގެ ތާރީހުގައި މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ އިއުލާންތަކާއި އިޝްތިހާރުތައް މީޑިއާގެ ވަސީލަތްތަކަށް ދޫކޮށްލުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ނޫސްތަކާއި ޓީވީ ރޭޑިއޯ ސްޓޭޝަންތަކުން ދެކޭ ކަމަށެވެ.

އެމްޖޭއޭގެ ސިޓީގައި ބުނެފައި ވަނީ ސަރުކާރުގެ ގެޒެޓްގައި މިހާރު 250 އާ ގާތް އަދަދަކަށް ސަފުހާ ހިމެނޭ ކަމަށާއި އެހެންވީމާ ގެޒެޓަށް ހިނގާ ހަރަދު މިހާރު ވާނީ އަތްނުފޯރާ ވަރަށް މައްޗަށް ގޮސްފައި ކަމަށެވެ. އަދި ގެޒެޓް ވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި ރައްޔިތުން އޭގެ މައްޗަށް އަމަލުކުރަން ޖެހޭ މުހިއްމު ގަވާއިދުތައް ފަދަ ތަކެތި ޝާއިއުކުރާ އެއްޗަކަށް ކަމަށް އެ ޖަމިއްޔާ އިން ތަކުރާރުކޮށް ބުނަމުން ގޮސްފައި ވާނެ ކަމަށް ވެސް އެސިޓީގައިވެ އެވެ.

".. މަދު ސަފުހާތަކަކުން ފެށި ގެޒެޓް ވޭތުވެ ދިޔަ ދެތިން އަހަރުގެ ތެރޭގައި ބޮޑުވެ، ފަލަވަމުން ގޮސް މިހާރުގެ އެފޮތުގެ ބޯމިން 250 އާ ގާތްކުރާ އިރު، ގެޒެޓްގައި ނުޖަހާ އެއްޗެއް ނެތެވެ." އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

ސިޓީގައި އަދި ވަނީ އަމިއްލަ މީޑިއާ ތަކަށް ސަރުކާރުގެ އިއުލާންތަކާއި އިޝްތިހާރުތައް ދިނުން ހުއްޓާލުމުގެ ސަބަބުން އާމްދަނީ މަދުވެ، ބައެއް ނޫސްތައް އުވި އަނެއް ބައި ނޫސްތައް ހީނަރުވެފައިވާ ކަމަށެވެ. އެގޮތުން ޖަޒީރާ ނޫހާއި އާފަތިސް ނޫސް އުވިގެން ދިޔައީ އެކަމުގެ ސަބަބުން ކަމަށާއި މިއަދު ނޫސް ކަމީނާވީ ވެސް އެކަމުގެ ސަބަބުން ކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.