އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޓޫޕަކް ޝާކޫރު މަރާލި މައްސަލައިގައި 27 އަހަރު ފަހުން މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ހިޕް-ހޮޕް ދާއިރާގެ 'ލެޖެންޑް'އެއްގެ ގޮތުގައި ސިފަކޮށްފައިވާ ޓޫޕަކް މަރާލާފައިވަނީ އެމެރިކާގެ ލަސް ވޭގަސްގައި ސެޕްޓެމްބަރު 7، 1996ގައި، ބަޑިން ހަމަލާދީގެންނެވެ. އޭރު ޓޫޕަކްގެ އުމުރުން 25 އަހަރެވެ.

އެ މައްސަލައިގައި ދައުވާކޮށް، ހައްޔަރުކޮށްފައިވަނީ ކުރީގެ ގޭންގް ލީޑަރެއް ކަމަށްވާ ޑްވޭން 'ކީފީ ޑީ' ޑޭވިސްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ އެ ހަމަލާ ރޭވީ އޭނައަށް ބޮޑުބޭބެ ކިޔާ މީހަކާއި ޓޫޕަކްއާ ދެމެދު ހިނގި ތަޅާފޮޅުމަކަށް ފަހުގައެވެ. ޓޫޕަކްއަށް ހަމަލާ ދިނީ އޭނާއިން ކާރު ޓްރެފިކް ލައިޓެއް ކައިރީ މަޑުކޮށްފައި އޮއްވާ، އެހެން ކާރެއްގައި ދިޔަ ބަޔެކެވެ.

ޓޫޕަކްގެ މަރާ ގުޅިގެން ހައްޔަރުކުރި ޑްވޭން 'ކީފީ ޑީ' ޑޭވިސްއާ ބެހޭ ގޮތުން މައުލޫމާތު ދިނުން --

އެ ހަމަލާއަށް ފަހު ޓޫޕަކް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭގެ ހަ ދުވަސް ފަހުން އޭނާ މަރުވިއެވެ.

ފުލުހުން ބުނީ އެއީ ގޭންގުތަކާ ގުޅުން ހުރި ހަމަލައެއްކަން ފުރަތަމަ ވެސް ދެނެގަނެވުނު ނަމަވެސް އެ މައްސަލައާ ގުޅުންހުރި އާ މައުލޫމާތު ލިބި، ތަހުގީގަށް ކުރިއެރުން ލިބުނީ 2018 ވަނަ އަހަރު ކަމަށެވެ. އަދި ޑޭވިސް މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި އޭނާ ވަނީ ހަމަލާ ދިން ވަގުތު ކާރުގައި އިން ކަމަށް އިއުތިރާފުވެފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޓޫޕަކްގެ ފުރަތަމަ އަލްބަމް ނެރުނީ 1991ގައެވެ. އޭނާގެ 75 މިލިއަން ރެކޯޑް މިހާތަނަށް ވިކިފައިވާއިރު، އޭނާގެ މަރާ ގުޅުންހުރި ޑޮކިއުމެންޓްރީތަކެއް ވެސް ފާއިތުވި އަހަރުތަކުގައި ހަދާފައިވެއެވެ.

ޓޫޕަކްގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި ކެލިފޯނިއާ ލަވް އާއި އޯލް އައިޒް އޮން މީ އާއި ޗޭންޖެސް ހިމެނެއެވެ. ޓޫޕަކް ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި ޖޫސް، ޕޮއެޓިކް ޖަސްޓިސް، އެބަވް ދަ ރިމް، ގްރިޑްލޮކްޑް އަދި ގޭންގް ރިލޭޓެޑް ހިމެނެއެވެ.