ދުވަސްކޮޅެއް ވަންދެން މާލޭގެ ބާޒާރުގައި އަނބުގެ އަގު ވަރަށް ހެޔޮކޮށް ހުރުމަށް ފަހު، އަނބު ސީޒަން ނިމުމާ އެކު ބާޒާރުގައި އަނބުގެ އަގު އުފުލިއްޖެ އެވެ.

މާލޭ ދަތުރުވެރިން މާރުކޭޓުގައި މީގެ ދެ ހަފްތާ ކުރިން 2ރ. އާއި 4ރ. އާ ދޭތެރޭ ވިއްކަން ހުރި އަނބު މިހާރު ލިބެން ހުރީ 9ރ. އާއި 20ރ، އާ ދޭތެރޭގެ އަގުތަކުގަ އެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި އަނބުގެ އަގު އުފުލެން މެދުވެރިވި ސަބަބަކީ އަނބު ސީޒަން ނިމުމަކަށް އަންނަމުން ދާތީ އެވެ.

"އަނބު ސީޒަން ނިމުމަކަށް މި އަންނަނީ އެހެންވެ، މިހާރު އަނބުގެ އަގު އުފުލެމުން އަންނަނީ ކަމަށް ބެލެވެނީ،" ފުވައްމަލަކު ވިޔަފާރިވެރިޔަކު ބުންޏެވެ.

މާރުކޭޓުން ވާހަކަ ދެއްކި އައްޑޫ ވިޔަފާރިވެރިޔަކު ބުނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އަނބު ވަރަށް ރަނގަޅަށް ލިބުނު ކަމަށެވެ. ބާޒާރުގައި ވަރަށް އަނބު ތިޔާގި ކަމަށާއި ނަމަވެސް މިހާރު އަނބު ވަރަށް މަދުވެފައިވާ ކަމަށެވެ.

"މިއަދު އައި އައްޑޫ ބޯޓުން ވެސް ގެނައީ 3000 އަނބު. އެހެންވީވާ ލަފާކުރެވެނީ އަނބުގެ އަގު ކުރިއަށް އޮތް ތަނުގައި ބޮޑުވެގެން ދާނެ ކަމަށް،" އައްޑޫގެ ވިޔަފާރިވެރިޔާ ބުންޔެވެ.

މާރުކޭޓުން ވާހަކަ ދެއްކި އެހެން ވިޔަފާރިވެރިން ވެސް ބުނީ މިހާރު އަނބު ސީޒަން ނިމުނީ ކަމަށާއި ދެން އަނބުގެ އަގު ބޮޑު ވާނެ ކަމަށާއި ކުރިއަށް އޮތް ތިން މަހެއްހާ ދުވަސް ތެރޭގައި އަނެއްކާ ވެސް އަނބު ސީޒަން ފެށުމުން ބާޒާރުގައި އަނބު ތިޔާގިވާނެ ކަމަށެވެ.