01:15


ޑީއާރްޕީގެ ލީޑަޝިޕްގެ އިސް ވަފުދެއް ނައިބު ރައީސާ ކުއްލި ގޮތަކަށް ރޭ ދަންވަރު ބައްދަލުކޮށްފި އެވެ.


މެންދަމުން އަލިވެ އެކެއް ޖަހަން ވަރަށް ކައިރިވެފައި ހުއްޓާ ހިލާލީގޭގައި، ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ބައްދަލުކުރެއްވި ޑީއާރްޕީގެ ލީޑަޝިޕްގެ އިސް ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ނައިބު ލީޑަރުން ކަމުގައިވާ އުމަރު ނަސީރާއި އިލްހާމް އަހުމަދުގެ އިތުރުން ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު މަހުލޫފާއި އަލީ އާރިފެވެ.


ގާތްގަނޑަކަށް ވިއްސަކަށް މިނިޓުގެ މި ބައްދަލުވުމަށްފަހު އެ ބޭފުޅުން ހިލާލީގޭ މައި ގޭޓުން ނުކުމެވަޑައިގެންނެވި ވަގުތު ސަން އެފްއެމްގެ ނިއުސް ޓީމު އެތާ ތިބި ނަމަވެސް، މީޑިއާ އަށް އެއްވެސް އެއްޗެއް ދެއްވަން ބޭނުންފުޅު ނޫން ކަމަށް ވިދާޅުވެ، އަވަސް އަވަހަށް އެ ބޭފުޅުން ވަނީ ވަޑައިގެންފަ އެވެ.