29 Sep 2023, 18:52
ޗެލްސީގެ އިނގިރޭސި ޑިފެންޑަރު ބެން ޗިލްވެލްއަށް އަނިޔާވެ، އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ޗިލްވެލްއަށް އަނިޔާވެފައިވަނީ ކަރަބައޯ ކަޕްގައި މިދިޔަ ބުދަ ދުވަހު ބްރައިޓަންއާ ދެކޮޅަށް ކުޅެ، 1-0ގެ ނަތީޖާއަކުން ޗެލްސީ މޮޅުވި މެޗު ނިމެނިކޮށެވެ. ބްރައިޓަންގެ ބިލީ ގިލްމީ ކުރި ޓެކުލްއަކާ ގުޅިގެން ޗިލްވެލްގެ ފައިގެ މަސްގަނޑަށް ވަނީ އަނިޔާއެއް ވެފައެވެ.
ޗިލްވެލްއަށް މީގެ ކުރިން ވެސް ވަނީ ފައިގެ މަސްގަނޑަށް އަނިޔާގެ ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕް ވެސް ޗިލްވެލްއަށް ގެއްލިފައިވަނީ ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ބްރައިޓަން މެޗުގައި ޗިލްވެލްގެ ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން ސްކޭންތަކެއް ހެދުމަށް ވަނީ ނިންމައިފައެވެ. އެ އަނިޔާއާ ގުޅިގެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތެއް އެނގޭނީ އެ ސްކޭންތަކަށްފަހުއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ ހޯމަ ދުވަހު ކުޅޭ މެޗަށް ސްޕެންޝަނާއި އަނިޔާގެ މައްސަލަތަކާ ގުޅިގެން ޗެލްސީ ނުކުންނަން ޖެހޭނީ 11 ކުޅުންތެރިޔަކު ނުލައެވެ. ސަސްޕެންޝަނާ ގުޅިގެން ނިކޮލަސް ޖެކްސަން އަދި މަލޯ ގުސްޓޯއަށް ނުކުޅެވޭ އިރު، ވެސްލޭ ފޮފާނާ އާއި ކްރިސްޓޮފާ އެންކުންކޫ އާއި ރޯމިއޯ ލަވިއާ އާއި ޓްރެވޯ ޗަލޮބާ އާއި ކްޕެޓަން ރީސް ޖޭމްސް އަދި މާކަސް ބެޓިނެލީ ހުރީ އަނިޔާގައެވެ. އޭގެ އިތުރުން ކާނޭ ޗުކުވެމެންކާ އާއި ބެނޮއިޓް ބާޑިއަޝީލް އަދި މުޅިން ފިޓެއް ނުވެއެވެ.
މި ސީޒަނަށް ބޮޑު ހަރަދަކާއެކު ނުކުތް ޗެލްސީއަށް މިހާތަނަށް ރަނގަޅު ނަތީތަކެއް ނެރެދެވިފައެއް ނުވެއެވެ. ޕްރިމިއާ ލީގުގައި މިހާތަނަށް ޗެލްސީ ކުޅުނު ހަ މެޗުން ލިބުނު ފަސް ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ 14 ވަނައިގައެވެ. މިހާތަނަށް ޗެލްސީއަށް މޮޅެއް ހޯދިފައިވަނީ އެންމެ މެޗަކުންނެވެ.