ކުއާލަލަންޕޫރު(މޭ 13): އިސްރާއީލަކީ މާބާރުގަދަ ޤައުމެއް ނޫން ކަމަށާއި އިސްރާއީލަކީ ފަސޭހަކަމާ އެކު ވުޖޫދުން ފުހެލެވިދާނެ ޤައުމެއް ކަމަށް އީރާނުގެ ރައީސް އަޙަމްދީ ނެޖާދް ވިދާޅުވެއްޖެ އެވެ.

އީރާންގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް ކުރެއްވި ޒިޔާރަތެއްގައި ނެޖާދް ވިދާޅުވީ ފަލަސްތީނުގެ ބިމުގައި އުފައްދާފައިވާ އިސްރާއީލެވެކިޔާ ޣައިރު ޤާނޫނީ ދައުލަތް ނައްތާލުމަށް ނިއުކްލިޔާ ހަތިޔާރު ހަދަން ނުޖެހޭ ކަމަށާ އަދި ހަނގުރާމަ ވެސް ކުރަން ނުޖެހޭ ކަމުގަ އެވެ.

އިސްރާއީލުގެ ވަށައިގެންވާ ޢަރަބި އަދި އިސްލާމީ ޤައުމުތަކުން އިސްރާއީލާދެކޮޅަށް ދަތިކޮށް އިސްރާއީލު އެކަހެރިކޮށް އެގައުމުތަކުން އިސްރާއީލާ އެކު ބާއްވާގުޅުންތައް ނިމުމަކަށް ގެނައުމުން އިސްރާއީލު ނެތިގެންދާނެ ކަމަށް ނެޖާދް ވިދާޅުވި އެވެ. ޢަރަބި ލީޑަރުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ނުކުރައް ވާތީ ނެޖާދްގެ ވާހަކާގައި ޢަރަބި ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަނީ އިސްރާއީލު ނައްތާލުމުގެ ބޭނުމުގައި ކަމަށް ބުނެ އިސްރާއީލުން ދުނިޔޭގައި ޕްރޮޕަގެންޑާ ފަތުރަމުން ގެންދެ އެވެ. އިސްރާއީލުން ވަނީ ޢިރާޤާއި ސޫރިޔާގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދީ އެތަންތަން ހަލާކުކޮށްލާފަ އެވެ. އަދި އިސްރާއީލުން ގެންދަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށްވެސް ޙަމަލާދޭނެކަމުގެ އިންޒާރުދީ މެދުއިރުމަތީގައި ހަނގުރާމައިގެ ބެރުޖަހަމުންނެވެ. ނަމަވެސް އީރާނުންވަނީ އިސްރާއީލުން ކުޑަކޮށްވެސް އީރާނާ ތޮޅެފިނަމަ އިސްރާއީލަށް ވަރުގަދަ ރައްދެއްދޭނެކަމުގެ އިންޒާރު ދީފަ އެވެ.

އީރާނުން އިސްރާއީލު ސިފަކުރަނީ މުޅިމެދުއިރުމަތި ހަލާކުކުރަމުން ގެންދާ ކެންސަރުގެޓިއުމަރެއްގެ ގޮތުގައެވެ.(އަލްޖަޒީރާ