29 Sep 2023, 11:39
މި އިންތިޚާބުގައި ދެ ކެންޑިޑޭޓުންނަށް ވެސް, އިލެކްޝަންސް ކޮމިޝަން (އީސީ)ން ކަންތައް ކުރާނީ ހަމަހަމަކޮށް ކަމަށާއި މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހުރަސްއެޅޭ އެއްވެސް ކަމެއް ނެތްކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ އެންމެ ފަހުގެ ކަންކަން "ސަން"އާ ހިއްސާކުރަމުން މިއަދު ފުއާދު ވިދާޅުވީ، އެހެން ނަމަވެސް ކެންޑިޑޭޓުންގެ ފަރާތުން ކަންބޮޑުވާ ކަންކަން ފެންނަ ކަމަށެވެ.
"ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ކެމްޕެއިން ކުރެއްވުމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަމަ ކަންބޮޑުވާ ހިސާބަށް އެބަދޭ އެންޓި ކެމްޕެއިން ކުރެއްވުމުގެ ކަންތައްތައް،" ފުއާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ނޫނީ އެހެން ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅުކަން ފާހަގަ ވާކަމަށެވެ.
އީސީގެ އެންމެ ފަހުގެ އިލްތިމާސެއްގެ ގޮތުން ފުއާދު ވިދާޅުވީ، މާދަމާ އެންމެ ހެނދުނާ އެންމެން ވެސް ވޯޓު ލާން ދިއުމަށް އެދޭ ކަމަށެވެ.
"އަށެއް ޖަހާއިރު ވަޑައިގަތުން އެންމެ ރަނގަޅީ. އެހެން ނުވިއަސް ވެސް މެންދުރު ކުރިއަށް ވޯޓު ލެވޭތޯ އެންމެހާ ބޭފުޅުން ވެސް ބައްލަވާދޭތި،" ފުއާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފަހެއް ޖަހާއިރު ސަފުތައް ބަންދު ކުރުމަށް ފަހު ދެން ވޯޓު ލުމުގައި ބައިވެރި ނުވެވޭނެ ކަމަށެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް ވޯޓު ލުމުގެ މުއްދަތު އިތުރުކޮށްފައެއް ނުވެއެވެ. އީސީން މީގެ ކުރިން ބުނެފައި ވަނީ މިފަހަރު ވެސް ކަނޑައަޅާފައިވާ ވަގުތު ހަމަވުމުން އިތުރު ވަގުތު ވޯޓު ލުމަށް ނުދޭނެ ކަމަށެވެ. ވޯޓްލުން އޮތީ މާދަމާ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.
ވޯޓުލާން އަންނަ ވަގުތު ފޯނުތައް ގޭގައި ބަހައްޓާފައި އައުމަށް ވެސް ފުއާދު މިއަދު ވަނީ ހަނދާން ކޮށްދެއްވާފައެވެ.
"ވޯޓުލާ ސަރަހައްދުގައި ފޯނާ އަތްދަބަސް އެއްޗެހި ބެހެއްޓުމަށް މޭޒެއް ހުންނާނެ. އެކަމަކު ފަހަރެއްގައި އެ މޭޒުމަތީ ބަހައްޓަވާ އެއްޗެއް ގެއްލުމުގެ ރިސްކް ނަންގަވަން ޖެހިދާނެ،" އޭނާ ވިދާޅުވިއެވެ.
ފުއާދު ވަނީ، ވޯޓު ލުމަށްފަހު ވީ އެންމެ އަވަހަކަށް ވޯޓުލާ މަރުކަޒު ދޫކޮށް ދިއުމަށް އިރުޝާދު ދެއްވާފައެވެ. އަދި އިންސާފުވެރި މިނިވަން އިންތިޚާބެއް ބޭއްވުމަށް އެންމެން ވެސް އެއްބާރުލުން ދިނުމަށާއި ހަމަނުޖެހުންތައް ނުހިންގުމަށް ފުއާދު ވަނީ އެދިލައްވާފައެވެ.