13 May 2012, 13:19
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހު ނާއިބު ރައީސް މުހައްމަދު ފާރޫގު މަޝްވަރާ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައި އެ ޕާޓީ އިން ވެސް ވަކިވެޑައިގެންފި އެވެ.
އެމްޑީޕީގެ ރައީސް ކަމުން ދުރުކޮށްފައިވާ ޑރ. އިބްރާހިމް ދީދީގެ ބޭބެ، ފާރޫގު ވަނީ އޭނާ އެމްޑީޕީ އިން ވަކިކޮށްދެއްވުމަށް އެދި އެމްޑީޕީ އޮފީހަށް މިއަދު ސިޓީއެއް ފޮނުވާފައިވާނެ ކަން ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ފާރޫގު މިއަދު ވިދާޅުވީ އެމްޑީޕީ އިން ވަކިވެޑައިގަތުމަށް ނިންމެވީ އެ ޕާޓީގެ ތެރޭގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑު ޕާޓީން ވަކިވީ ޕާޓީ ތެރޭގައި ހުރި ހިތްހަމަނުޖެހޭ ކަންތައްތަކެއްގެ ސަބަބުން. އަޅުގަނޑު މިއަދުވާނެ ޕާޓީން ވަކި ކޮށްދެއްވުމަށް އެދި ޕާޓީގެ އޮފީހަށް ސިޓީއެއް ފޮނުވާފައި،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ވަކި ކޮށްދެއްވުމަށް އެދި އެ ޕާޓީ އޮފީހަށް ފާރޫގު ފޮނުއްވާފައިވާ ސިޓީ މިހާރު ވަނީ ލީކުވެފަ އެވެ. ސަން އަށް ވެސް ކޮޕީ ލިބިފައިވާ އެ ސިޓީގައި ފާރޫގު ވިދާޅުވެފައި ވަނީ އެމްޑީޕީ ތެރޭގައި ޑިމޮކުރަސީ ބަލިކަށިވެ، ޕާޓީ ތެރޭގައި އަސާސީ ގަވާއިދާ ހިލާފަށް ކަންކަން ހިނގަމުންދާ ކަމަށެވެ.
"އަދި ޕާޓީގެ ރައީސް އާއި ނައިބު ރައީސް ގައުމީ މަޖިލީހުން ވަކިކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުކޮށްފައިވާ އަސާސީ ގަވާއިދާ ހިލާފަށް، ވަރަށް ޒިންމާދާރު ކަން ކުޑަ ގޮތަކަށް،" އެ ސިޓީގައިވެ އެވެ.
ހަމަ އެހެންމެ ޕާޓީގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި ހުންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ މެނިފެސްޓޯގައި ކަނޑައެޅިފައިވާނުވާ "ކިތަންމެ ކަމެއް" ކޮށްފައިވާ ކަމަށާއި އިސްލާމް ދިނާ ދުރުހެލިވާ ގޮތަށް ކިޔާކުދިންގެ މުގައްރަރު ބައްޓަން ކުރައްވަން މަސައްކަތް ކޮށްފައިވާ ކަމަށް މީޑިޔާގައި ނަޝީދު ހާމަކޮށްފައިވާކަމީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ފާރޫގުގެ އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އެމްޑީޕީން ވަކިވެވަޑައިގަތުމަށް އެދި ފާރޫގު ފޮނުއްވާފައިވާ ސިޓީ ލިބިފައިވާ ކަމަށް ޕާޓީގެ އިދާރާއިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެމްޑީޕީ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒު ގަދަވެފައިވާ ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ތުހުމަތު ކުރަމުންދާ އިރު އެ ޕާޓީގެ ބައެއް މެންބަރުން ގެންދަނީ އެ ވާހަކަތައް ދޮގު ކުރަމުންނެވެ.