ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތާއި، އައްޑޫ ސިޓީ ހުޅުމީދޫއާއި ހިތަދޫ ގުޅައިލަދޭ ބްރިޖްގެ މަސައްކަތް ވެރިކަމާ ހަވާލުވާތާ ފުރަތަމަ މަސް ތެރޭގައި ފައްޓަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެއެވެ.

މުއިއްޒު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފުރަތަމަ މަސްތެރޭގައި ފަށާ ފުރަތަމަ އަހަރުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށެވެ.

ހަ މަހާއި 12 މަހާ ދެމެދުގެ މުއްދަތެއްގައި ފުށިދިއްގަރުފަޅު ހިއްކަވާނެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެ ފަޅާއެކު ގިރާވަރުފަޅު ވެސް ހިއްކަވާނެކަމަށެވެ.

ރާއްޖޭގެ އާބާދީގައި އެންމެ ގިނަ މީހުންނަށް ބޭނުން ވަނީ ގެދޮރުވެރިކަން ކަން ފާހަގަކުރައްވައި މުއިއްޒު ވަނީ، އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ 65،000 ހައުސިން ޔުނިޓުގެ މަސައްކަތް ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކާމިޔާބުކަމާ އެކު ނިންމުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އެގޮތުން ފުށިދިއްގަރުފަޅާއި، ގިރާވަރު ފަޅާއި ހުޅުމާލޭގެ ބިން ބޭނުން ކޮށްގެން ރައްޔިތުންނަށް ވައުދު ވެފައިވާ ފަދައިން ޕްލޭނާ އެއްގޮތަށް ގެދޮރުވެރިކަން ހާސިލް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގެ ހުޅުމީދުއާއި ހިތަދޫ ގުޅައިލުމުގެ ބްރިޖްގެ މަސައްކަތް ވެސް ފުރަތަމަ މަހު ފައްޓަވައި ވަރަށް ބާރު ސްޕީޑުގައި ނިންމަވައިދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ ބުރުގެ ކެމްޕޭނަށް އައްޑުއަށް ވަޑައިގެން މުއިއްޒު ވަނީ ސިޓީގެ ހިތަދޫއާއި ހުޅުމީދޫ ގުޅައިލަދޭ ބްރިޖެއް އަޅައިދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

އެއީ ބްރިޖެެއް އަޅަން އެކަނި ކުރާ ކަމެއް ނޫން ކަމަށާއި އެއީ ތަރައްގީއަށް އެޅޭ ފާލަމެއްކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ރާއްޖޭގައި ބްރިޖް އެޅުމުގެ މަޝްރޫތަކުގައި ތަފާތު ފެނިފައިވާނީ، ބްރިޖެއް އެޅުނުތަނާ ބްރިޖް އަޅަން އުޅެ ނޭޅުނުތަން ފެނިފައިވާނީ،" އޭނާ ވިދާޅުވިއެވެ.

މި މަޝްރޫތައް ނޫނަސް، އިތުރު ބައިވަރު މަޝްރޫތައް ރާއްޖޭގެ އިގްތިސޯދު ކޮޅަށް ނަގައި އިގްތިސޯދު ހަރުދަނާވެ އިންވެސްޓާ ގެރެންޓީ ލިބެމުންދާ ވަރަކަށް ނިންމަމުންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.