29 Sep 2023, 11:03
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވެފައިވާ މިނިވަންތަނަކަށް ހައްދަވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ފުޓުބޯޅައަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ކުޅޭ، ރާއްޖޭގެ އެންމެ ގިނަ ބަޔަކު ލޯބިކުރާ ގައުމީ ކުޅިވަރު ކަމަށެވެ.
އޭނާ ވިދާޅުވީ ކުޑަކުދިން އެކަޑަމީތަކަށް ދާ ވަރާއި ދާހިތްވާ ވަރު ވެސް ފެންނަ ކަމަށާއި ރާއްޖޭގައި ފުޓުބޯޅައިން ރަން ވަނަ ހޯދައިފިނަމަ މުޅި ގައުމު ހެއްވާލާތަން ވެސް ފެންނަ ކަމަށެވެ.
"ފުޓުބޯޅަ ކުރިއެރުވުމަކީ އަޅުގަނޑު ވަރަށް އިސްކަން ދޭނެ ކަމެއް ދެމެހެއްޓެނިވި ގޮތެއްގައި. މީގެ ކުރިން ފެނިފައި އެބަހުރި ތަށި ހޯދިތަން. ތަށި ހޯދައިފައި އަނެއްކާ ވެސް އިރު އޮއްސެނީ. ތަރި އޮއްސެނީ. އަނެއްކާ ވެސް ތަށި ހޯދަނީ އެތައް އަހަރެއް ފަހުން،" މުއިއްޒު ވިދާޅުވިއެވެ.
އެހެންވުމުގެ ބަދަލުގައި ތިރިން މައްޗަށް ރޭވިގެން، އެކަޑަމީތައް ވެސް ހިންގަން ރަނގަޅު ފުރުސަތުތަކެއް ހޯދައިދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މޮޅަށް ކުޅޭ ކުދިންނަށް ފުުރުސަތު ތަނަވަސް ކޮށްދީ، ސަރަހައްދީ ލެވެލްގައި ކާމިޔާބީ ހޯދުމުގެ މަގު ތަނަވަސްކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އޭނާގެ އަމާޒަކީ ވޯލްޑް ކަޕް ކުޅޭ ހިސާބަށް ގައުމު ގެންދިއުން ކަމަށާއި އެ ކަން ރާވާނީ ފުޓުބޯޅައިގެ ތަޖުރިބާކާރުންގެ ލަފަޔާއެކު ފުޓުބޯޅައިގެ އަހުލުވެރިން ބޭނުންކޮށްގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެފްއޭއެމް ވެސް، ކޮންމެ ގޮތެއް ވިޔަސް ސިޔާސީ ނުފޫޒު އެ ތަނަށް ވަނަކަ ނުދޭނަން. ސިޔާސީ ނުފޫޒުން އެއްކިބާވެ މިނިވަންކޮށް ފީފާގެ މިންގަނޑުގެ ތެރެއިން ހިނގާ ތަނަކަށް އެ ތަން ވާންޖެހޭނެ،" މުއިއްޒު ވިދާޅުވިއެވެ.
އެފްއޭއެމް، ރިފޯމްކުރާނަންތޯ ސުވާލުކުރުމުން އޭނާ ވިދާޅުވ އެ ތަން ރިފޯމްކުރުމުގައި ވެސް ފުޓުބޯޅައިގެ މީހުންގެ މަޝްވަރާ ހޯދާނެ ކަމަށެވެ. އަދި އެފްއޭއެމް ކުރިއަރުވާނީ ވެސް ފުޓުބޯޅައިގެ ތަޖުރިބާކާރުން ބޭނުންކޮށްގެން ކަމަށް ވިދާޅުވިއެވެ.
އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައާއި އެފްއޭއެމްގެ އިހްމާލުގެ ސަބަބުން، 23 އަހަރުން ދަށުގެ ގައުމީ ޓީމަށް މީގެ ދުވަސްކޮޅެއް ކުރިން ބައިނަލްއަގްވާމީ މުބާރާތަކަށް ނުފުރުމުގެ މައްސަލަ ވަނީ ފެންމަތިވެފައެވެ.