28 Sep 2023, 22:29
ސްޕެއިން ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއަލޭސްގެ މައްސަލައިގެ ތެރެއިން ސްޕެއިންގެ އަންހެން ގައުމީ ޓީމުގެ ކުރީގެ ކޯޗު ޖޯޖް ވިލްޑާގެ މައްސަލަ ވެސް ތަހުގީގު ފަށައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު އިންގްލެންޑް އަތުން މޮޅުވުމާއެކު ސްޕެއިންގެ ކެޕްޓަން ޖެނީ ހާމޯސޯއާއެކު ބެހެއްޓި އަމަލުތަކުގެ ސަބަބުން ރުބިއަލޭސްއާ ދެކޮޅަށް ހިންގާ ތަހުގީގުގެ ތެރޭގައި އޭރު ކޯޗަކަށް ހުރި ވިލްޑާގެ މައްސަލަ ވެސް ހިމެނެއެވެ.
ވިލްޑާގެ އިތުރުން ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ އިސް ދެ އޮފިޝަލެއްގެ މައްސަލަ ވެސް އެ ތަހުގީގުގެ ތެރެއިން ބެލުމަށް ވަނީ ނިންމައިފައެވެ. އެ މައްސަލައިގައި ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދިހަވަނަ ދުވަހުއެވެ.
އެ މައްސަލައިގައި ގައުމީ ޓީމުގައި ހިމެނޭ އެލެކްސިއާ ޕުޓެލާސް، އިރޭނާ ޕަރޭޑޭސް އަދި މިސާ ރޮޑްރިގޭޒް ވަނީ ހެކިންގެ ގޮތުގައި ރުބިއަލާސްއާ ދެކޮޅަށް ބަޔާން ދީފައެވެ. ނަމަވެސް އެ ބަޔާންތަކުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ވާހަކަތައް އަދި ރިޕޯޓުކޮށްފައެއް ނުވެއެވެ.
އެ މައްސަލައިގައި ރުބިއަލޭސްގެ މައްސަލަ ތަހުގީގުކުރަމުންދަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައެވެ. އެ މައްސަލަ ކޯޓުން ސާބިތުވެއްޖެ ނަމަ، ހަތަރު އަހަރު ދުވަހަށް ރުބިއަލޭސް ޖަލަށްލާން ހުކުމްކުރުމަކީ އެކަށީގެންވާ ކަމެކެވެ.
އެ މައްސަލައިގައި ފީފާ އިން ރުބިއަލޭސް ސަސްޕެންޑުކޮށްފައިވަނިކޮށް، ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްކަމުގެ މަގާމުން ރުބިއަލޭސް އިސްތިއުފާދެއްވާފައިވަނީ މިމަހުގެ ކުރީކޮޅެވެ. އަދި ގައުމީ ކޯޗުކަމުގެ މަގާމުން ވިލްޑާ އިސްތިއުފާދީފައިވަނީ ވޯލްޑް ކަޕް ނިމުނުތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.