29 Sep 2023, 09:41
މިހާތަނަށް އުފެއްދި އެންމެ ބޮޑެތި ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "ހެރީ ޕޮޓާ" ފްރެންޗައިޒްގެ މުހިއްމު ކެރެކްޓަރެއް ކަމަށްވާ "އެލްބަސް ޑަމްބަލްޑޯ"ގެ ރޯލުން ފެނުނު އެކްޓަރު ސާ މައިކަލް ގެމްބޮން މަރުވެއްޖެއެވެ.
ހެރީ ޕޮޓާގެ އޮރިޖިނަލް ފްރެންޗައިޒްގައި ޑަމްބަލްޑޯގެ ރޯލުން ވަނީ ދެ އެކްޓަރެއް ފެނިފައެވެ. ނަމަވެސް އެ ރޯލުން އެންމެ ގިނަ ދުވަހު ފެނިފައިވަނީ ގެމްބޮން އެވެ. އޭނާގެ ރޯލަށް ކުދި ބޮޑު އެކި އުމުރުފުރައިގެ މީހުންގެ ލޯބި ވަނީ ކެރެކްޓަރަށް ލިބިފައެވެ.
ގެމްބޮން މަރުވި އިރު އޭނާގެ އުމުރަކީ 82 އަހަރެވެ. އިނގިރޭސިވިލާތު އެކްޓަރު މަރުވީ އޭނާއަށްއަށް ނިއުމޯނިއާ ޖެހިގެން ކަމަށް ޚަބަރު ފެތުރިފައިވެއެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ގެމްބޮންގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާ މަރުވި އިރު، އޭނާގެ އަންހެނުން އޭން ގެމްބޮން އާއި އެ ދެމަފިރިންގެ ދޮށީ ދަރިފުޅު ފާގަސް ގެމްބޮން ކައިރީގައި ތިބި ކަމަށެވެ. އޭނާގެ ދެ ދަރިން ތިބެއެވެ. އެއީ ދެ ފެރިހެން ދަރިންނެވެ.
ގެމްބޮންގެ އުމުރުން 60 އަހަރު ހޭދަ ކޮށްފަައިވަނީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރުމުގައެވެ. އެ މުއްދަތުގެ ތެރޭގައި އެކި ޓީވީ ޝޯތަކާއި ފިލްމުތަކުގެ ރޯލުތަކުން އޭނާ ވަނީ ފެނިފައެވެ. އަދި އޭނާ ވަނީ ރޭޑިއޯ ޕްރޮގްރާމްތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.
އިނގިރޭސިވިލާތު ޝޯތަކުގެ އިތުރުން ފްރެންޗު ބައެއް ފިލްމުތަކުގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް މުޅި ދުނިޔެއަށް އޭނާ މަގުބޫލުވެފައިވަނީ ޑަމްބަލްޑޯގެ ރޯލުންނެވެ.