ހޮލީވުޑްގެ މަގުބޫލު ބަތަލާ އެންޖެލީނާ ޖޯލީގެ އަމިއްލަ ފެޝަން ބްރޭންޑެއް އުފެއްދީ އަމިއްްލަ ފެޝަން ޑިޒައިނަރަކަށް ވާ ހިތުން ނޫން ކަމުގައި އޭނާ ހާމަކޮށްފިއެވެ.

ޖޯލީގެ އަމިއްލަ ފެޝަން ޑިޒައިން އަދި އަމިއްލަ އުފެއްދުންތައް ތައާރަފުކުރުމަށް ބޮޑު ބްރޭންޑެއް ތައާރަފުކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ސަސްޓެއިނެބިލިޓީއަށް މިސްރާބު ޖަހައި ތައާރަފުކޮށްފައިވާ ފެޝަން ބްރޭންޑަށް ކިޔަނީ އެޓެލިއާ ޖޯލީއެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ "ވޯގު" އެޑިޝަނުގައި ޖޯލީ ފީޗާ ކުރާއިރު އެއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އަމިއްލަ ބްރޭންޑެއް އުފައްދާފައިވަނީ އަމިއްލައަށް ޑިޒައިނަރަކަށް ވާން ބޭނުން ވެގެން ނޫން ކަމަށެވެ. އެހެން ނަމަވެސް ފުރުސަތު ހަނި ވެފައި ތިބި ހުނަރުވެރި ޑިޒައިނަރުންނަށް ފުރުސަތު ފަހި ކޮށްދިނުމަށް ބޭނުންވާތީ އެފަދަ ބްްރޭންޑެއް ތައާރަފުކުރީ ކަމަށް އެންޖެލީނާ ބުންޏެވެ.

އެޓެލިއާ އުފެއްދުމުގެ ސަބަބުން ހިތަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި އެކްޓިންގެ ދާއިރާއާ ހިލާފަށް މި މަސައްކަތް ވަރަށް "ތެރަޕިއުޓިކް" ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

އެޓެލިއާ ތައާރަފުކޮށްފައިވަނީ ބޭނުން ކޮންމެ މީހަކަށް ވެސް އަމިއްލަ ޑިޒައިންތައް އުފެއްދުމަށް މަގުފަހިކޮށްދީ ކޮންމެ މީހަކަށް ވެސް ފަސޭހައިން އުފެއްދުންތައް ބޭނުންކުރެވޭ ގޮތް ހެދުމަށް ކަމަށް އެންޖެލީނާ ބުނެއެވެ.

އެޓެލިއާއިން ބުނެފައިވަނީ އެ ކުންފުނީގެ އަމާޒަކީ ފެޝަން އިންޑަސްޓްރީ 'ޑިމޮކްރަޓައިޒް' ކުރުމުގައި އެހީތެރިވުން ކަމަށެވެ. އަދި، ވަކި ބަޔަކަށް ފައިދާ ހޯދުމުގެ ބަދަލުގައި މަސައްކަތް ކުރާ ހުރިހާ ފެހުންތެރިންނާއި ޑިޒައިނަރުންނަށް ވެސް ފައިދާ ވާނެ ގޮތްތައް ހޯދައިދިނުމަށް ބޭނުންވާ ކަމަށް އެޓެލިއާއިން ބުނެއެވެ.

އެޓެލިއާއިން ޕްރޮޑަކްޓުތައް އުފައްދާނީ ކޮންމެ ކަހަލަ ބައްޓަމެއްގެ މީހަކަށް ވެސް ލެވޭ ގޮތަށް ބަލައި އެ ކަަމަށް ބޮޑު އަހައްމިއްޔަތެއް ދީގެން ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި، ކުންފުނިން ސިންދަފާތު ކުރުމަށް ވެސް ބޮޑު ސަމާލު ކަމެއް ދޭނެ ކަމަށާއި އުފެއްދުންތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ތިމާވެށްޓާ އެކުވެރި ގޮތްތައް ހޯދުމަށް އިސްކަން ދޭނެ ކަމަށް އެޓެލިއާއިން ބުނެއެވެ.