ޗައިނާގެ ހެކަރުންގެ ޓީމަކުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ އީމެއިލް ވަގަށް ނަގާފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކަކުން ރިޕޯޓުކޮށްފިއެވެ.

ރޮއިޓާސްއިން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގޭގެ މުވައްޒަފަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ހެކަރުން ވަނީ ސްޓޭޓް ޑިޕާޓްމަންޓްގެ 10 އެކައުންޓަކުން 60،000 އީމެއިލް ވަގަށް ނަގައިފައެވެ.

އެ މުވައްޒަފަކީ ސެނެޓަރު އެރިކް ޝްމިޓްގެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށާއި އޭނައަށް އެ މައުލޫމާތު ލިބުނީ، ސްޓޭޓް ޑިޕާޓްމެންޓުގެ އައިޓީ އޮފިޝަލުންތަކެއްގެ ފަރާތުން ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާގެ އޮފިޝަލުންނާއި މައިކްރޮސޮފްޓުން މިދިޔަ ޖުލައި މަހު ބުނެފައި ވަނީ މެއި މަހުން ފެށިގެން ޗައިނާގެ ދައުލަތާ ގުޅުންހުރި ހެކަރުންތަކެއް އެމެރިކާގެ ކޮމާސް އެންޑް ސްޓޭޓް ޑިޕާޓްމަންޓްތައް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 25 ތަނެއްގެ އީމެއިލް އެކައުންޓްތަކަށް ވަދެފައިވާ ކަމަށެވެ. ނަމަވެސް އެމީހުން ނަގާފައިވާ މައުލޫމާތުގެ އަދި ސާފެއް ނުވެ އެވެ.

މި މައްސަލައިގެ ފަހަތުގައި ޗައިނާ އޮތް ކަމަށް އެމެރިކާއިން ކުރާ ތުހުމަތުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި މިހާރުވެސް އޮތް ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.

ޗައިނާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ހެކަރުންގެ އެންމެ ބޮޑު އަމާޒަކަށްވީ އިންޑޯ ޕެސިފިކް ޑިޕްލޮމަސީގެ މަސައްކަތްތަކަށް ކަމަށްވާއިރު، ހެކަރުން ވަނީ ސްޓޭޓް ޑިޕާޓްމަންޓުގެ ހުރިހާ އީމެއިލްތަކެއް ހިމެނޭ ލިސްޓެއް ވެސް ހޯދާފައި ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މި ހެކްގެ ސަބަބުން އެމެރިކާ ސަރުކާރަށް އައިޓީގެ ހިދުމަތް ފޯރުކޮށްދިނުމުގައި މައިކްރޮސޮފްޓުން އަދާކުރާ ދައުރަށް އަނެއްކާވެސް ސަމާލުކަން ވަނީ އިތުރުވެފައެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ސިސްޓަމްތައް ހެކަރުންގެ ފަރާތުން ރައްކާތެރިކުރުމަށް އިތުރު ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެފައިވެއެވެ.