ގައުމީ އިދާރާތަކުގައި މަސައްކަތް ކުރި ބައެއް މުވައްޒަފުންގެ މިދިޔަ މަހުގެ މުސާރަ އަދިވެސް ޖަމާކޮށްދީފައި ނުވާ ކަމަށް ދ. ކުޑަހުވަދޫގައި މަސައްކަތްކުރި މުވައްޒަފުން ބުނެފި އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބުދުﷲ މުހައްމަދު މިއަދު ވިދާޅުވީ ސަރުކާރުން އުވާލާފައިވާ ގައުމީ އިދާރާތަކުގެ ގިނަ މުވައްޒަފުންނަށް މުސާރަ ޖަމާކޮށްދީފައިވީ ނަމަވެސް ބައެއް މުވައްޒަފުންގެ މިދިޔަ މަހުގެ މުސާރަ ޖަމާ ނުކޮށްދެވި ވަނީ ކައުންސިލްތަކުން ހަދަން ޖެހޭ ޕޭ ސުލިޕްތައް ހެދުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. އަބުދުﷲ ވިދާޅުވީ މިއަދު ސުލިޕްތައް ހޯމް މިނިސްޓްރީ އަށް ލިބިފައިވުމާ އެކު މިއަދުގެ ވަގުތެއްގައި މުސާރާ ޖަމާކުރާނެ ކަމަށެވެ.

"މުސާރަ ޖަމާނުވެގެން އުޅޭ މައިގަނޑު ސަބަބުތަކަކީ ގައުމީ އިދާރާތަކުގެ ނަމުގައި ވައުޗަރު ހެދުމުގެ ސަބަބުން. އިރުޝާދު ދީފައި ވަނީ ގައުމީ އިދާރާގެ ނަމުގައި ވައުޗަރު ނެހުދުމަށް. އުވާލާފައި ހުރި ތަނެއްގެ ނަމުގައި ކިހިނެއްތޯ އަޅުގަނޑުމެންނަށް މުސާރަ ދެވެނީ. އެހެންވީމާ ދަންނަވާފައި ވާނީ އެ ބޭފުޅަކު މަސައްކަތްކުރައްވާ ކައުންސިލެއްގެ ނަމުގައި ވައުޗަރު ހަދާފައި ފޮނުވުމުން މުސާރަ ޖަމާކޮށްދޭނެ ކަމަށް،" އަބުދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ އިދާރާތަކުގެ މަސައްކަތް ކުރާ ފަރާތްތަކަށް ދޭން ޖެހޭ މުސާރަ ޖަމާކޮށްދީފައިވާ ކަމަށާއި ދ. އަތޮޅުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެވި އެ ފަރާތްތަކުގެ މުސާރަ މިއަދު ޖަމާކުރުމުގެ މަސައްކަތްކުރައްވާ ކަމަށެވެ. މުސާރައަކީ ބަޖެޓްގައި ހަމަޖެހިފައި ހުރި ފައިސާއެއް ކަމުން ކައުންސިލްތަކުން ވައުޗަރު ފޮނުވުމުން އެބޭފުލުންގެ މުސާރަ ދެއްވާނެ ކަމަށެވެ.

އަބުދުﷲ ވިދާޅުވީ ގައުމީ އިދާރާތަކުގައި މަސައްކަތް ކުރި މުވައްޒަފުންގެ ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް ސިވިލް ސާރިވިސް އާ ގުޅިގެން ކުރަމުން އަންނަ ކަމަށާއި އެކަންކަން ވަރަށް އަވަހަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

"ގައުމީ އިދާރާތަކުގައި މަސައްކަތް ކުރެއްވި މުވައްޒަފުންގެ ތެރެއިން މާލެ އަށް ބަދަލުވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލަން އެބަ ގަސްތުކުރަން. އެގޮތުން ހޯމް މިނިސްޓްރީ އަށް ވެސް ފަސް ވަރަކަށް މުވައްޒަފުން އަޅުގަނޑުމެން ނަގާނަން،"

ކުޑަހުވަދޫން ވާހަކަ ދެއްކި ގައުމީ އިދާރަގައި ކުރިން މަސައްކަތް ކުރެއްވި މުވައްޒަފުން ބުނީ އެމީހުން ކައުންސިލްގެ އިދާރަގައި ސޮއިކޮށްލުމަށް ފަހު ޖޯލީގައި ތިބެނީ ކަމަށާއި އެތަނުގައި އެމީހުންނަށް އެއްވެސް ގޮނޑިއެއް އަދި މޭޒެއް ވެސް ނުހުންނަ ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ ދުވަހަކު މިތަނަށް އައިސް ސޮއިކޮށްލާފައި މިތާހުންނަ ޖޯއްޔެއްގައި ތިބެން މިޖެހެނީ. ޖޯލީގައި ތިބޭއިރަށް ކައުންސިލް އިދާރާގެ މުވައްޒަފުން ބުނާނެ ދެން ގެއަށް ދިޔަސް އެންމެ ރަނގަޅޭ. އެހެން ބުނީމާ ގެއަށް ދަނީ،" މުވައްޒަފު ބުންޏެވެ.

ހޯމް މިނިސްޓްރީން ބުނެފައި ވަނީ ކުރީގެ ސަރުކާރުން ރާއްޖޭގެ ހަތް ސަރަހައްދުގައި އުފެއްދި ގައުމީ އިދާރާތަކުގައި މަސައްކަތްކުރި މުވައްޒަފުން 150 އާ ގާތްކުރާ ކަމަށެވެ.

ކުރީގެ ރައީސް މުހަންމަދު ނަޝީދު އުފެއްދެވި ޕްރޮވިންސް އޮފީސްތައް އުވާލައްވައި ގައުމީ އިދާރާތަކުގެ ނަމުގައި ހަތް އިދާރާއެއް އޭރުގެ ސަރުކާރުން އުފެއްދީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހުގަ އެވެ. ގައުމީ އިދާރާތައް ރައީސް މުހައްމަދު ވަހީދު ރަސްމީކޮށް އުވާލެއްވީ މިދިޔަ އެޕްރީލް މަހު އެވެ.