28 Sep 2023, 12:48
ބޯޓް ދަތުރުކުރުމަށް ދިއުމަށް، ޓްރާންސްޕޯޓް މިނިސްޓްރީން ދޭން ޖެހޭ، ސީފެއާ އައިޑެންޓިފިކޭޝަން ޑޮކިއުމަންޓްސް(އެސްއައިޑީ) މިއަދުން ފެށިގެން ދޫކުރަން ފަށައިފިއެވެ.
އެސްއައިޑީއަކީ، ކަނޑުދަތުރުކުރާ ފަރާތްތަކަށް ދުނިޔޭގެ ބަނދަރުތަކާއި އެއާޕޯޓުތަކަށް ވަނުމަށްޓަކައި އޮންނަން ޖެހޭ އައިޑީ ކާޑެކެވެ.
އެސްއައިޑީ ނުލިބުމުގެ ސަބަބުން ރާއްޖޭގެ ސީމަނުންނަށް ބައެއް ގައުމުތަކަށް ވަދެވޭ ގޮތް ނުވެފައި އެތައް އަހަރެއް ވަނީ މަޑުކުރަންޖެހިފައެވެ.
މި މައްސަލަ ހައްލުކޮށް، ޕޯޓުތަކުން ބަލައިގަންނަ ފެންވަރުގެ ޑޮކިއުމެންޓެއް ހެދުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އިމިގްރޭޝަނާއެކު މަސައްކަތްކުރަން ފެށީ މިއަހަރުގެ މެއި މަހުއެވެ.
އެ މަޑުކުރަންޖެހުމަށް ނިމުމަށް އައީ މިއަދު އިމިގްރޭޝަނުން އެސްއައިޑީ ދޫކުރަން ފެށުމުންނެވެ.
އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެސްއައިޑީއަށް އެދި އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކަށް މިއަދު ހަވީރު 18:00 އާ ހަމައަށް އެ ލިޔުން ދޫކުރަމުންދާނެ ކަމަށެވެ. ލިޔުން ދޫކުރާނީ ވެލާނާގެ ފުރަތަމަ ފަންގިފިލާއިންނެވެ.
އަދި އަންނަ ހަފުތާއިން ފެށިގެން ކިއުބީން ނަމްބަރެއް ނަގައިގެން ވެސް އެ ލިޔުން ހޯދޭނެ ކަމަށާއި ނަމްބަރު ދޫކުރާނީ ހެނދުނު 8:30 ފެށިގެން ހަވީރު 17:00 އާ ދެމެދު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ ވައިޓް ލިސްޓުގައި ރާއްޖެ 2015 ވަނަ އަހަރުގައި ވަނީ ހިމެނިފައެވެ. އަދި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އާއި މެރިޓައިމް ލޭބާ ކޮންވެންޝަން (އެމްއެލްސީ) ކޮންވެންޝަން ވެސް ތަސްދީގުކުރިއެވެ.
ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރަންޖެހޭ އެސްއައިޑީ ނުލިބުމުގެ ސަބަބުން ރާއްޖޭގައި ބޯޓު ދަތުރުކުރުމުގެ ދާއިރާ އެއްކޮށް އުވުމުގެ ފުރުސަތު ވެސް އޮތް ކަމަށް އޭރު ވާހަކަދެކެވުނެވެ.