27 Sep 2023, 22:39
އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ޕާޓީ އެކުގައި މަސައްކަތް ކޮށްފިނަމަ ޕީޕީއެމަށް ލިބޭ ވޯޓަށް ވުރެ ގިނައިން ލިބޭނެ ކަމަށާއި އެއީ ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ގޮތެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.
ތިނަދޫ ސިޓީގައި މިރޭ އޮތް ކެމްޕޭންް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި، ކުރިން އެ ޕާޓީގައި ތިބި ބައެއް މެންބަރުން ދުރުވުމުން އިންތިޚާބުގައި ދަތިތަކާ ކުރިމަތިވެވަޑައިގެންނެވި ކަމަށެވެ.
މުޅި ރާއްޖޭގެ ޖުމްލަ ވޯޓަށް ބަލާއިރު އެމްޑީޕީއާ ޑިމޮކްރެޓުން އެއްވުމުން ޕީޕީއެމަށްވުރެެ ވޯޓު ގިނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މުޅި ޖުމްލަ ވޯޓަށް ބަލާއިރުގައި ވެސް އެމްޑީޕީއާއި ޑިމޮކްރެޓްސް އެއްވީމާ ޕީޕީއެމަށްވުރެ އަޅުގަނޑުމެންގެ ވޯޓު ގިނަ. ވަކިވަކި ރަށް ބެލި ނަމަވެސް. އަޅުގަނޑުމެން ދެބައި މީހުން އެއްވީމާ މެޖޯރިޓީ ނުލިބޭ ރަށެއް ދާދި މަދުން. އަޅުގަނޑުމެން ދެބައި މީހުން އެއްވީމާ މި އިންތިޚާބު މިއޮތީ ބޮޑުތަނުން ކާމިޔާބުވެފައި،" ރައީސް ވިދާޅުވިއެވެ.
ދެވަނަ ބުރުގެ ކެމްޕޭނަށް ރައީސް ތިނަދުއަށް ވަޑައިގަތުމުން ޑިމޮކްރެޓްސްގެ ދެ އާންމު މެމްބަރަކު ރައީސަށް މަރުހަބާ ކިއުމަަށް ޓަކައި ސަފުގައި -- ފޮޓޯ/ އެމްޑީޕީ
އެ މަނިކުފާނު ވިދާޅުވީ ފުރަތަަމަ ބުރުގައި ރިޔާސީ އިންތިޚާބުގެ ނަތީޖާ ނުކުތީ އެމްޑީޕީގެ މެންބަރުން އެންމެ އެދޭ ގޮތަކަށް ނޫން ކަމަށެވެ. އެއީ، ނުވަވަނަ ދުވަހު އޮތް ފުރަތަަމަ ބުރުގައި ދޫކޮށްލެވިފައިހުރި ގިނަ ކަންތައްތަކެއް ހުރުމުން ކަަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެންމެ މުހިންމު ކަމަކަށް ކުރަންވީ ކަމަކީ ވޯޓުލާން ތިބި މީހުން ވޯޓުލާތޯ ޔަގީން ކުރުން ކަމަށެވެ.
"އިިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިންތިޚާބު ކާމިޔާބުކުރާނަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ދެވަނަ ސަބަބަކީ އިދިކޮޅުން ދައްކާ ދޮގު ވާހަކަތައް ބައެއް ރައްޔިތުންނަށް ގަބޫލުކުރެވޭ ފެންވަރަށް ދިއުންކަމަށެވެ.
އެގޮތުން މިނިވަންކަން ގެއްލޭހެން، އެއްބަސްވުންތަކުގައި ސޮއިކުރާ ވަހަކައާއި، ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބިކަމަށް ބުނެ ފެތުރި ދޮގުތައް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މޮރިޝަސްއަށް ކަނޑު ވިއްކާލިކަމަށް ބުނެ ފެތުރި ދޮގުތައް ވެސް އޭގައި ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން އެ ކަންކަން ހާމަކުރުމަށް މާ ބޮޑު އިސްކަމެއް ނުދެއްވީ ރާއްޖޭގެ ވެރިކަން ހޯދަން މަސައްކަތްކުރާ ބަޔަކު ރައްޔިތުންނަށް އެ ވަރުގެ އޮޅުވާލުމެއް އޮޅުވައިލަފާނެ ކަމަށް ހީފުޅު ނުކުރެއްވުމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އޭރު އެ ކަންކަން ރައްޔިތުންނާ ހިސާބަށް ތިލަނުކުރެވުނީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ހިތަކަށް ނާރާ ގައުމުގެ ވެރިކަން ކުރަން، ކޮށްފައި ތިބި ބައެއް އަދި ކުރަން އުންމީދުކުރާ ބައެއް ނިކުމެ މިފަދަ ބުހުތާނު ދޮގުތަކެއް ރައްޔިތުންނަށް ދައްކާނޭ،" ރައީސް ވިދާޅުވިއެވެ.
މިއަދު ރައްޔިތުންނަށް އޮޅުވައިލެވިފައިވާއިރު އެ ކަމުގެ ހަގީގަތް ހާމަކުރުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އުތުރު ތިލަފަޅުގައި ތަރައްގީކުރާ އެމްއެންޑީއެފް އަސްކަރީ ބަނދަރުގެ މައްސަަލައިގައި އޮޅުވައިލަމުން އަންނަ ކަންކަމުގެ ހަގީގަތް ވެސް ރައްޔިތުންނަށް މިހާރު އެނގޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މީގައި އެއްވެސް އޮޅުވައިިލުމެއް ދޮގެއް ނެތްކަން. އަޅުގަނޑުމެން ވެރިކަން ކުރަމުން މި ގެންދިޔައީ މި ރާއްޖޭގެ ރައްޔިތުންނަށްޓަކައި މި ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަށް،" ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ރާއްޖޭގެ އަތޮޅެއް ވިއްކައިލަން ގާނޫނަށް ބަދަލު ގެނައިކަމަށް ވިދާޅުވެ، އެ ބަދަލު ވެސް އިސްލާހުކުރީ މި ސަރުކާރުންކަމަށް ރައީސް ވިދާޅުވިއެެވެ. މިއަދު ރާއްޖޭގެ އެންމެ އިންޗިއެއްގެ އެންމެ ވެލިފުކެއް ވެސް ބޭރުގެ އެހެން އެއްވެސް ބަޔަކަށް މިލްކު ނުކުރެވޭނެކަމަށް ރައީީސް ވިދާޅުވިއެވެ.
"އެ ޔަގީންކަން އަޅުގަނޑުމެން މިއަދު ވެސް ދެން. އަޅުގަނޑުމެން ވެރިކަމުގައި ތިބިހާ ދުވަހަކު މި ރާއްޖޭގެ ބިމުގެ އެންމެ އިންޗިއެއް ވެސް އެންމެ ވެލިފުކެއް ވެސް ބޭރުގެ ބަޔަކަށް މިލްކުވެދިޔަ އަަޅުގަނޑުމެން ނުދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.