އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް ހޯދުމަށް ހަދަންޖެހޭ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

މިނިސްޓްރީން ބުނީ އެއްގަމު އުޅަނދު ދުއްވުމަށް އެ މިނިސްޓްރީން ދޫކުރާ ލައިސަންސްތައް ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާ މިންގަނޑު ތަކަށް ފެއްތުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން "އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް" ހޯދުމަށް ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެޕޯޓަލްމެދުވެރިކޮށް ހުށަހެޅުމަށް އެދި މިއަދުން ފެށިގެން ހުޅުވައިލާ ކަމަށެވެ.

މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވެވޭނީ އޭޒޯނުގެ ދާއިމީ ލައިސަންސް، ލިބިފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި، އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް ދޫކުރާނީ އެ މިނިސްޓްރީން ކަނޑައަޅައި ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ކަމަށް މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކަށް ކަމަށެވެ.

ތަމްރީން ފުރިހަމަ ކުރުމުން ދޫކުރެވޭ އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސަކީ "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" ގައި ބައިވެރިވެފައިވާ ގައުމުތަކުގައި ގަބޫލުކުރާނެ ލައިސަންސެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.