ޗާންދަނީމަގާއި ފަރީދީމަގު ގުޅުނު ކަންމަތިން ދުއްވާފައި ދިޔަ ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލްގައި އިން ދެ މީހުން ޒަހަމްވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދު ހެނދުނު 8:30 އެހާކަންހާ އިރު ހިނގި އެ އެ އެކްސިޑެންގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓާއި ގުޅިގެން ދެ މީހަކަށް ހޮސްޕިޓަލުން ފަރުވާދެމުން އަންނަ ކަމަށާއި އެ ދެ މީހުންގެ ހާލަތު ވެސް ރަނގަޅު ކަމަށެވެ. ނަމަވެސް ލިބިފައިވާ ޒަހަމްތަކުގެ މައުލޫމާތު މީޑިއާއަށް ދޭން އެފަރާތުން ބޭނުން ނުވާތީ އެމައުލޫމާތު ދެއްވެން ނެތް ކަމަށްވެސް ޒީނަތު ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި ބުނެދޭން ނޭނގޭ ކަމަށާއި އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.