ނިއުދިއްލީން ހުސައިން ހަސަން

އެހެން ހުރިހާ ގައުމުތަކަށް ވުރެ ބޮޑަށް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރަންވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ދިއުދިއްލީގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ވަޑައިގެން ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލް އަޒީޒު ޔޫސުފާއި އެތަނުގެ އިސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ވަހީދު ވިދާޅުވީ އިންޑިއާ އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރަކީ އެންމެ ތަޖުރިބާކާރު ސަފީރަށް ވާން ޖެހޭ ކަމަށެވެ. އަދި އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަކީ އާދައިގެ މަގާމެއް ކަމަށް މިހާރު ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ ސަފީރު ކަމުގައި ތިން އަހަރު ދުވަސް ހޭދަކުރައްވާފައިވާ އަޒީ އެނބުރި ރާއްޖެ އަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާތީ ރައީސް ވިދާޅުވީ ވަރަށް އަވަހަށް އެމަގު ފަހިކޮށްދެއްވާނެ ކަމަށާއި ނަމަވެސް ތަޖުތިބާކާރު އިލްމީ ބޭފުޅަކު އެ މަގާމަށް އައްޔަން ކުރައްވަންދެން އިހްލާސްތެރިކަމާ އެކު ސަފީރު ކަމުގައި ދެމިހުރުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

ރައީސް ވިދާޅުވީ އިންޑިއާގެ ސަފީރު ކަމުގެ މަގާމުން އަޒީ އިސްތިއުފާ ދެއްވުމުން އެ މަގާމަށް ދެން އައްޔަން ކުރައްވާނީ އެމަނިކުފާނަށް އިތުބާރު ކުރެއްވޭ ބޭފުޅެއް ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ބަދަހިކޮށް ކޮންމެ ފަދަ ދަނޑިވަޅެއްގައި ވެސް ވާހަކަތަކަށް ތައްޔާރަށް ހުންނަވާނެ ބޭފުޅެއް ކަމަށެވެ.

އާ ސަރުކާރުގެ ވެރިކަމުގެ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެ އަށް އައި ބަދަލުތައް އިންޑިއާ ހިއްސާކުރެއްވުމަށް އަޒީ ކުރެއްވި މަސްއްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މިހާރު ސިޔާސީ މަސްރަހު އޮތް ގޮތް އިންޑިއާ އަށް އެނގޭ ކަމަށެވެ.

އަޒީގެ ވާހަކަފުޅުގައި ވިދާޅުވީ އިންޑިއާގައި ދިވެހިރާއްޖޭގެ އެމްބަސީ ހިންގަމުން ދަނީ ކުއްޔަން ހިފައިގެން ކަމަށާއި އިންޑިއާ އިން ލިބިފައިވާ ބިމުގައި އަވަސް މުސްތަގުބަލެއްގައި ރާއްޖޭގެ ހައި ކޮމިޝަނެއް އިމާރާތް ކުރުމަކީ އެބޭފުޅުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި އެމްބަސީގައި ތިއްބަވާ މުވައްޒަފުންގެ އަދަދު އިތުރުކޮށްދެއްވުމަށް ރައީސް ވަހީދު އަރިހުން އަޒީ އެދިވަޑައިގެންނެވި އެވެ. އަޒީ އެ ވާހަކަ ރައީސްއާ ހިއްސާ ކުރެއްވުމުން އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އަޒީ ވިދާޅުވި ކަންތައްކޮށްދެއްވުމަށް ވަޒީރުން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

ރައީސް މިއަދު އިންޑިއާގެ ނޫސްތަކަށާއި ބޭރުގެ މީޑިއާތަކަށް ރާއްޖޭ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ދެއްވާނެ އެވެ. އެ ގޮތުން ޓައިމްސް އޮފް އިންޑި އާއި އިންޑިއާ ޓުޑޭއާއި ހިންދުސްތާން ޓައިމްއާއި ދަ ޑެއިލީ ޓެލަގްރާފަށް ރައީސް އިންޓަވިއު ދެއްވާނެ ކަމަށެވެ.