ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގައި ބޮޑެތި ވެހިކަލްތައް ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކޮށްފިއެވެ.

އެ މިނިސްޓްރީން ރޭ ކުރިއިއުލާނެއްގައިބުނީ، ހަތަރު ފުރޮޅުލީ ބޮޑެތި ވެހިކަލްތައް ދުއްވުން މަނާކުރަން ނިންމާފައި ވަނީ މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވެ، ވޯޓުލުމަށް ދާ ފަރާތްތަކަށާއި، ވޯޓުގެ އިދާރީ އަދި ސެކިއުރިޓީގެ މަސައްކަތަށް ދަތިވާތީ ކަމަށެވެ.

އެގޮތުން ވޯޓުލާ ދުވަހުގެ 06:00އިން ރޭގަނޑު 20:00އަށް ބޮޑެތި ވެހިކަލްތައް ދުއްވުން މަނާވާނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

ދުއްވުން މަނާ ވެހިކަލްތައް:

  • "ސީ2" އަދި "ސީ0" ކެޓަގަރީގެ އުޅަނދުތައް

  • "ޑީ" ކެޓަގަރީގެ އުޅަނދުތައް
  • "އީ" ކެޓަގަރީގެ އުޅަނދުތައް
  • "ވީ" ކެޓަގަރީގެ އުޅަނދުތައް

މި ކެޓަގަރީތަކުގެ ތެރޭގައި ބޮޑެތި ވޭނާއި ކާރުގެ އިތުރުން މުދާ އުފުލުމަށް ބޭނުންކުރާ ވެހިކަލްތައް ފަދަ ހަތަރު ފުރޮޅުލީ ބޮޑެތި އުޅަނދު ހިމެނެއެވެ.

އެހެންނަމަވެސް، އެ ހަތަރު ކެޓަގަރީ ތެރޭގައި ހިމެނޭ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ސަރުކާރުގެ އިދާރާތަކުގެ އާންމު ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު އެވަގުތުތަކުގައި ދުއްވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި އެ އުސޫލާ ޚިލާފަށް ދުއްވާ ވެހިކަލްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 08:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށެވެ.