ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާ އިރު ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ފިޔަވައި އެހެނިހެން ކައުންސިލަރުންނަކީ ޕާޓްޓައިމް ވަޒީފާތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށައެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އެލްޖީއޭގެ މެންބަރު އަހުމަދު ފައިސަލް ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ކައުންސިލްތައް މިހާރު އެކުލަވާ ލެވިފައިވާ ގޮތަށް ބަލާ އިރު ރާއްޖޭގައި މިހާރު ޕްރެކްޓިސް ކުރާ ނިޒާމު އޮތީ އިގްތިސާދީ ގޮތުން އެކަން ކުރެވޭނެ އެންމެ ރަނގަޅު ހާލަތުގައިތޯ އެއީ ސުވާލު އުފެދޭ ކަމެއް ކަމަށާއި އެހެންކަމުން އިގުތިސާދީ ގޮތުން ދެމެހެއްޓެނިވި ނިޒާމަކަށް ލާމަރުކަޒީ ގޮތުން އިދާރީ ދާއިރާތައް ހިންގުން ބަދަލުކުރެވޭނީ ކައުންސިލްތަކުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނެސްގެން ކަމަށް ފެންނާތީ އެގޮތަށް އެކަން ކުރުމަށް ނިންމެވީ ކަމަށެވެ.

"ސުވާލަކީ ރާއްޖޭގައި މިއަދު އޮތް ލާމަރުކަޒީ ނިޒާމު އޮތީ އިގްތިސާދީ ގޮތުން ބަލާއިރު ހިނގާ ހަރަދާއި އޭގެން އުފައްދާ މާޖިނަލް ޕްރަޑަކްޓިވިޓީ އަށް ބަލާއިރު އެންމެ އެދެ ވޭ ގޮތަށްތޯ؟ އެސުވާލުގެ ޖަވާބު ހުރިހާ ކައުންސިލަރުން ވެސް އެދެއްވަނީ ނޫނެކޭ. އެހެންވީމާ ފުރަތަމަ ވިސްނުމަކަށްވީ އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ނިޒާމަކަށް މިނިޒާމުހަދަން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ކައުންސިލްތައް ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަ އިރު ކައުންސިލްތަކުގެ ފުލްޓައިމްކޮށް ރައީސާއި ނައިބު ރައީސް ހުންނެވި ނަމަވެސް ކައުންސިލްތަކުގެ މެންބަރުންގެ އަދަދުތަކަށް ބަދަލުގެންނަން ނުވިސްނަވާ ކަމަށާއި މިހާރު ވެސް ކައުންސިލްތަކުގެ އަދަދު އޮތްގޮތަށް ފަސް ކައުންސިލަރުން ނުވަތަ ހަތް ކައުންސިލަރުން ތިއްބާވަނެ ކަމަށާއި ނަމަވެސް އެމީހުންނަކީ ޕާޓްޓައިމް ބަޔަކަށް ވުމުން ކޮންމެ ދުވަހަކު އޮފީހަށް ހާޒިރުވުމުގެ ބަދަލުގައި ޖަލްސާތަކަށް ހާޒިރުވާގޮތަށް ބަދަލުވެގެން ދާނެ ކަމަށެވެ.

"ފުލް ޓައިމްކޮށް ހޮވިވަޑައިގަންނަވާނީ ކޮންމެ ކައުން ސިލަކަށް ވެސް ދެ މެންބަރުން. އެއީ ރަށު ކައުންސިލްގެ ރައީސާއި ނައިބު ރައީސް. އަތޮޅު ވެއްޖެއްޔާމު ރައީސް ނައިބު ރައީސް. ސިޓީ ކައުންސިލް މޭޔަރު އަދި ޑެޕިއުޓީ މޭޔަރު ދެން ތިއްބަވާ ބޭފުޅުން ވާނީ ރެޕްރެޒެންޓޭވިވުންނަށް. އެބޭފުޅުން ބައްދަލުވުންތަކަށް ވަޑައިގެން މަޝްވަރާ އާއި ލަފާ ދެއްވާނީ. އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވަނީ ބައްދަލުވުންތަކަށް ވަޑަގަތުމުން ލިބޭ އެލަވަންސެއް،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަތޮޅު ކައުންސިލްގެ އިހުތިސާސް މިހާރު އޮތް ގޮތް ވެސް އެގެންނަ އިސްލާހުގެ ސަބަބުން ބަދަލުވެގެންދާނެ ކަމަށާއި އެގޮތުން އެ އަތޮޅު ކައުންސިލްގެ ރައީސާއި ނައިބު ރައީސް މުޅި އަތޮޅުން ވޯޓްލައިގެން ހޮވުމަށް ފަހު، ކައުންސިލްގައި ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސަކީ އަތޮޅު ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނަވާ ބޭފުޅެއްގެ ގޮތުގައި ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި މިހާރަށް ވުރެ ބޮޑަށް އެ ރަށެއްގެ އަތޮޅު ކައުންސިލްގައި ތަމްސީލް ކުރުމުގެ ފުރުސަތުލިބިގެން ދިއުމުން ހުރިހާ ރަށްރަށަކަށް ވެސް ކަންކަން ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ހުށައަޅާ އިސްލާހުތަކާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާ ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހު މަޖިލިހުގެ މެންބަރުންގެ އެހީތެރިކަމާ އެކު އެލްޖިއޭ އިން އެ އިސްލާހު ވަރަށް އަވަހަށް މަޖިލިހަށް ހުށައެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.