27 Sep 2023, 09:46
ބްރެޒިލް ފުޓުބޯޅަ ލެޖެންޑް ރޮނާލްޑޯ ތިންވަނަ ފަހަރަށް ކައިވެންޏެއް ކޮށްފިއެވެ.
ބްރެޒިލާއެކު 2002ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ރޮނާލްޑޯ ކައިވެނިކުރީ މަޝްހޫރު ސެލެބްރިޓީންގެ ޗުއްޓީގެ މަންޒިލެއްގެ ގޮތުގައި ހާއްސަވެފައިވާ ސްޕެއިންގެ ރަށެއް ކަމަށްވާ އިބިޒާގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.
ރޮނާލްޑޯ ކައިވެނިކޮށްފައިވަނީ ބްރެޒިލަށް އުފަން މޮޑެލް ސެލީނާ ލޮކްސްއާއެވެ. ރޮނާލްޑޯޯ އާއި ސެލީނާ ކައިވެނިކޮށްފައި މިވަނީ ލޯބީގެ ގޮތުން ހަތް އަހަރު ހޭދަކުރުމަށްފަހުއެވެ. އުމުރުން 47 އަހަރުގެ ރޮނާލްޑޯ އާއި އުމުރުން 33 އަހަރުގެ ސެލީނާ އެންގޭޒްވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ސެލީނާ، އޭނާގެ އިންސްޓަގްރާމުގައި ކައިވެނި ހަފުލާގެ ފޮޓޯއެއް ހިއްސާކޮށްފައިވާ އިރު، އެ ހަފުލާގައި ރެއާލް މެޑްރިޑްގައި ރޮނާލްޑޯއާއެކު ކުޅުނު ޖޫލިއޯ ބަޕްޓިސްޓާ ވަނީ އޭނާގެ ހާއްސަ އެކުވެރިއެއްގެ ގޮތުގައި ބައިވެރިވެފައެވެ.
View this post on Instagram
ރޮނާލްޑޯ މީގެ ކުރިން ކައިވެރިކޮށްފައިވަނީ މިލެނޭ ޑޮމިންގޭޒް އާއި މާރިއާ ބީޓްރިޒް އެންޓޮނީއާއެވެ. ފުރަތަމަ ކައިވެންޏަށް ރޮނަލްޑޮ ނަމަކަށް ކިޔާ އުމުރުން 23 އަހަރުގެ ފިރިހެން ދަރިއަކު ހުރެއެވެ. އަދި ދެވަނަ ކައިވެންޏަށް ދެ އަންހެން ދަރިން ލިބިފައިވާ އިރު، އެއީ އުމުރުން 14 އަހަރުގެ މާރިއާ ސޮފިއާ އަދި އުމުރުން 12 އަހަރުގެ މާރިއާ އެލިސްއެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ބްރެޒިލާއެކު ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އިތުރުން އޭނާ ވަނީ ބާސެލޯނާ، އިންޓަ މިލާން އަދި ރެއާލް މެޑްރިޑާއެކު ވެސް ކާމިޔާބީތަކެއް ހޯދައިފައެވެ. އޭނާ ވަނީ ފީފާ އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ތިން ފަހަރަކު ހޯދައިފައެވެ.