ބަތަލާ އާލިއާ ބަޓް ކޯ-ޕްރޮޑިއުސްކޮށް ލީޑް ރޯލް ކުޅޭ ފިލްމު "ޖިގްރާ"ގެ ނަމުގައި އިއުލާނު ކޮށްފިއެވެ.

މި ފިލްމަކީ، އާލިއާ ބަތަލާގެ ރޯލް ކުޅުމުގެ އިތުރުން ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރާނެ ފިލްމެކެވެ. ވަސަން ބާލާ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފިލްމު "ޖިގްރާ" ގެނެސްދޭނީ ކަރަން ޖޯހަރުގެ ދަރުމާ ކުންފުންޏާއި އާލިއާގެ އަމިއްލަ ކުންފުނި އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންސްއާ ގުޅިގެންނެވެ.

މި އަހަރު ސިނަމާތަކަށް އައި ދަރުމާގެ ފިލްމު "ރޮކީ އޯރް ރާނީ"ގެ ބަތަލާ އާލިއާ ފިލްމު "ޖިގްރާ"ގައި ކުޅެނީ ކޮންކަހަލަ ރޯލެއް ކަމާއި މި ފިލްމުގެ ވާހަކަ އަދި އޮތީ ސިއްރު ކުރެވިފައެވެ. އެހެން ނަމަވެސް ފިލްމު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24ގައި ސިނަމާތަކަށް އަންނާނެ ކަމަށް ދަރުމާ ކުންފުނިން ކުރި ޓުވީޓުގައި ވަނީ ބުނެފައެވެ.

ދަރުމާ ކުންފުނިން ފިލްމީ ދާއިރާއަށް ނުކުތުމަށް ފަހު އަމިއްލަ ފިލްމު ކުންފުންޏާ ގުޅިގެން ދަރުމާއިން ފިލްމެއް ގެނެސްދިނުމަކީ ބަޔާން ކުރަން ދަތި އިހުސާސެއް ކަމަށް ބަތަލާ އާލިއާ ވަނީ ބުނެފައެވެ.

ކަރަން ޖޯހަރު ފަދަ ތަޖުރިބާ ހުރި ފިލްމު އުފެއްދުންތެރިއަކާއެކު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހިލުންވާ ކަމަށް ބުނަމުން އާލިއާ ބުނެފައި ވަނީ މިއީ ވެސް ގިނަ ފިލަވަޅުތަކެއް ދަސްކުރެވޭނެ ތަޖުރިބާއެއް ކަމަށް ދެކޭ ކަމަށެވެ.

ފިލްމު "ޖިގްރާ"އަކީ އާލިއާ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. އާލިއާގެ ފިލްމު ކުންފުނިން ގެނެސްދިން ނެޓްފްލިކްސް ފިލްމު "ޑާލިންގްސް"އަކީ ބަތަލާ ފުރަތަމަ ޕްރިޑުއުސްކުރި ފިލްމެވެ.

އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" މިދިޔަ މަހު ރިލީޒްވެފައި ވާއިރު ބަތަލާއަކީ ޔޫރަޕްގެ މަޝްހޫރު ފެޝަން ބްރޭންޑް ގުޗީގެ އެމްބެސެޑަރެއްވެސް މެއެވެ. އަދި އާލިއާ އަކީ މި ބްރޭންޑް ރަމްޒުކޮށްދިނުމަށް ހޮވާފައިވާ އިންޑިއާއަށް ނިސްބަތްވާ ހަމައެކަނި ފަރާތްވެސް މެއެވެ.