27 Sep 2023, 09:53
އަކްޝޭ ކުމާރު އަދި ބަތަލާ ޕަރިނީތީ ޗޯޕްރާ މުހިއްމު ރޯލްއިން ފެންނަ ފިލްމު "މިޝަން ރަނީގަންޖް"ގެ ޓްރެއިލާ އާއްމުންނަށް ދައްކާލައިފިއެވެ.
ކުރިޔަށް އޮތް މަހުގެ ހަ ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާ މި ފިލްމަކީ، ހަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
ޖެކީ ބަގްނާނީ ޕްރޮޑިއުސްކޮށް ޓިނޫ ސުރޭޝް ޑައިރެކްޓް ކުރާ "މިޝަން ރަނީގަންޖް"އަކީ އިންޑިއާގެ 1989ވަނަ އަހަރު ވެސްޓް ބެންގޯލްގެ ރަނީގަންޖުގެ ކޯލް މައިންގައި ހިނގާދިޔަ ހާދިސާ ކިޔައިދޭ ފިލްމެކެވެ.
މި ޙާދިސާގައި އެ ކޯލް މައިންގައި ތާށިވި 65 މަސައްކަތްތެރިން ސަލާމަތް ކޮށްދިނީ ޖަސްވިންތު ސިންގް ގިލް ނަމަކަށް ކިޔާ އިންޑިއާގެ އިންޖިނިއަރެކެވެ. ފަނަރަ ސިކުންތަށް ދެމިގެން ދިޔަ ޓްރެއިލާގައި އެކްޓަރު އަކްޝޭ ކުމާރު ފެންނަނީ ވަރަށް ހިތްވަރުގަދަ ކަމާއެކު ކޯލް މައިންގައި ތާށިވެފައި ތިބި ބަޔަކާ ސަލާމަތް ކުރާ މަންޒަރެވެ.
ރެސްކިއު ޓީމުން މައިންތަކުތެރޭ ތިބި ބައެއް މީހުން މަރުވިކަމަށް ނިންމި ނަމަވެސް ޖަސްވިންތު ސިންގް ބޭނުންވީ ދިރިހުރި އެންމެ މީހަކުވެސް އަޑީގައި ތާށިވެހުރި ނަމަ ސަލާމަތް ކުރުމަށް ކަމަށް ފިލްމުގެ ޓްރެއިލާއިން އެނގިގެން ދެއެވެ.
މި ފިލްމަކީ، ބަތަލާ ޕަރިނީތީ ޗޯޕްރާގެ ކައިވެންޏަށްފަހު ބަތަލާ އާއްމުންނަށް ފެންނާނެ ފުރަތަމަ ފިލްމުވެސް މެއެވެ. މި ފިލްމަށްފަހު އަކްޝޭ ކުމާރު ބެލުންތެރިންނަށް ފެންނާނީ މަރާޓީ ފިލްމަކުންނެވެ. އަކްޝޭ ކުމާރުގެ ހަ ފިލްމެއް ކުރިޔަށް އޮތް އަހަރު ރިލީޒް ކުރުމަށް ތައްޔާރު ވެފައި ވާއިރު އޭގެތެރޭ ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން"، "ހެރާ ޕެރީ3" އަދި "ސްކައި ފޯސް" ހިމެނެއެވެ.