ސައުތު ސިނަމާގެ އެންމެ ވަރުގަދަ ފިލްމީ ތަރި ތަލަޕަތީ ވިޖޭ އާއި ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު ސަންޖޭ ދަތުގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެންނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު އާއްމުންނަށް ދައްކާލައިފިއެވެ.

ސަންޖޭ ދަތުގެ ފުރަތަމަ ތަމަޅަ ފިލްމު "ލިއޯ"ގައި އެކްޓަރު ކުޅެނީ ވަރަށް ނުފޫޒު ގަދަ ވިލެން އެއްގެ ރޯލެވެ.

ފިލްމު "ބިގިލް"، "ވަރިސޫ" އަދި "ބީސްޓް' ފަދަ ފިލްމުތަކުން ފެނިފައިވާ ވިޖޭއަކީ ސައުތު ސިނަމާގެ އެންމެ މަގުބޫލު އަދި އެންމެ ޑިމާންޑު އޮންނަ އެއް އެކްޓަރެވެ. ފިލްމު "ލިއޯ" އަކީ ތަމަޅަ ޑައިރެކްޓަރު ލޮކޭޝްގެ އަމިއްލަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ވިޖޭ އާއި ސަންޖޭ ދަތުގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލް ކުޅޭ ތަރިންގެ ތެރޭ ސައުތު ބަތަލާ ތުރިޝާ ހިމެނެއެވެ. ހަމައެކަނި ތަމަޅަ ބަހުން ރިލީޒް ކުރުމަށް ނިންމާފައިވާ މި ފިލްމު ސިނަމާތަކަށް އަންނާނީ ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހުއެވެ.

ތަމަޅަ ފިލްމު "ލިއޯ"ގެ އެންމެ މުހިއްމު އަދި ވަރުގަދަ ރޯލް އަކުން ސަންޖޭ ދަތު ފެންނާނެއިރު މި މަހުގެ ހަތް ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ޖަވާން"ގެ ރޯލަކުން ވެސް ސަންޖޭ ދަތު ވަނީ ފެނިފައެވެ.

މީގެ އިތުރުން ތެލުގޫ ފިލްމު "ކޭޖީއެފް"ގެ ދެވަނަ ބައިންވެސް ސަންޖޭ ދަތު ވަނީ ވިލެންގެ ރޯލްއިން ފެނިފައެވެ. ބޮލީވުޑްގައި މަސައްކަތް ކުރާ ބައެއް ފިލްމީ ތަރިން ސައުތު ސިނަމާގެ ފިލްމުތަކުން ފެންނަލެއް އާއްމުވެފައި ވާއިރު ސައުތު ސިނަމާގެ ވަރަށް ގިނަ ފިލްމީ ތަރިން ވަނީ ބޮލީވުޑްގެ ފިލްމުތައް ކުޅެ އާއްމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ. އޭގެތެރޭގައި ބަތަލާ ކިއާރާ އަދްވާނީ، ރަކުލް ޕްރީތު، ތަމަންނާ ބާޓިއާ، ރަޝްމިކާ، ޕްރަބާސް އަދި ވިޖޭ ދެވެރަކޮންޑާ ހިމެނެއެވެ.