26 Sep 2023, 22:30
އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. މިދިޔަ ބުދަ ދުވަހު އެ ގަރާރު ފާސްކުރީ މަޖިލީހުގެ 35 މެންބަރުންގެ ތާއިދާ އެކުގައެވެ. އެއާ އެކު އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި މަޝްވަރާކޮށްފައި އޮތީ އަންނަ މަހުގެ 29ގައި ނިޒާމާ ގުޅޭ ވޯޓު ނަގެމަށް ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން މިއަދު ޓްރާންސްޕޭރަންސީ އިން ނެރުނު ބަޔާނެއްގައި ބުނީ, ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި މީޑިއާތަކުން އަންނަނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ތައްޔާރުވަމުން ކަމަށާއި އެ ފަދަ ދަނޑިވަޅެއްގައި ވެރިކަމުގެ ނިޒާމަށް ރައްޔިތުން ހޭލުންތެރިކުރުމަށް އެކަށީގެންވާ ވަގުތެއް ނުލިބޭނެ ކަމަށެވެ.
ހިންގުމުގެ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން, ހުށަހަޅާ ނިޒާމުތަކަކީ ކޮބައި ކަމާއި އޭގެ ނަތީޖާއެއްގެ ގޮތުން ހިންގުމުގެ ނިޒާމުގެ މަސައްކަތްތަކަށް ކުރާނެ އަސަރުތަކާއި ނިޒާމީ ބަދަލެއް އައުމުން ގާނީނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ލިބޭނެގޮތް ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.
އެގޮތުން ހިންގުމުގެ ނިޒާމުތައް ސާފުކޮށް ބަޔާންކޮށްފައިވާ ފުރިހަމަ އަދި ގައުމީ ފެންވަރުގެ ވޯޓާ އެޑިއުކޭޝަން އަދި ހޭލުންތެރިކަމުގެ ފްރޮގްރާމެއް ހިންގުމަށް ޓްރާންސްޕޭރަންސީ އިން ވަނީ ގޮވާލާފައެވެ.
އާންމުންގެ ހިޔާލު ފާޅުކުރުމަށާއި ބަހުސްތަކަށް އެކަށީގެންވާ ވަގުތު ދިނުމަށާއި ފެންނަ ނުފެން ވޯޓެއް ނެގެމުގެ ކުރިން ހިންގުމުގެ ނިޒާމަށް ބަދަލެއް އައުމުން ކުރާނެ އަސަރުތައް ދެނެގަނެވޭނެ ކަންކަން ކަށަވަރު ކުރުމަށް ވެސް ޓްރާންސްޕޭރަންސީން ވަނީ އެދިފައެވެ.
ވޯޓު ނެގުމަށް ތައްޔާރުވުމުގަ އާއި ވޯޓު ނެގުމަށްފަހު ނިންމޭ ނިންމުންތަކުގެ މަރުހަލާތަކުގައި ޒުވާނުންނާއި ފުރަތަމަ ފަހަރަށް ވޯޓުލާ ފަރާތްތަކާއި އެކު އެ ފަރާތްތަކުގެ މާނަހުރި ބައިވެރިވުން ކަށަވަރު ކުރުމަށް ވެސް ޓްރާންސްޕޭރަންސީން ގޮވާލާފައިވެއެވެ.
"ރިފެރެންޑަމެއް ބޭއްވުމަކީ ހަރަދު ބޮޑު މަސައްކަތަކަށް ވުމާއެކު ނެގޭ ވޯޓަކީ ކުރު މުއްދަތުގެ ސިޔާސީ މަންފާއަށްވުރެ ވޯޓުލާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތުގެ މައްޗަށް ނެގޭ ވޯޓެއްކަން ކަށަވަރު ކުރަން ޖެހޭ," ޓްރާންސްޕޭރަންސީގެ ބަޔާނުގައި ބުނެފައިއެވެ.
ހަމައެއާއެކު ދައުލަތުގެ ފައިސާ ޒިންމާދާރުކަމާ އެކު ހޭދަކުރުމަށް ވެސް ޓްރާންސްޕޭރަންސީން ވަނީ ގޮވާލާފައެވެ.