13 May 2012, 10:33
ދެކުނު ކޮރެއާގައި އިއްޔެ ފެށި ޔެއޮސޫ އެކްސްޕޯ ފެއާގައި ދިވެހިރާއްޖެ އިން ބައިވެރިވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ތިން މަސް ދުވަހަށް ކުރިއަށް ގެންދާ އެކުސްޕޯގައި ދެކުނު ކޮރެއާގެ މާކެޓަށް އަމާޒުކޮށްގެން ދިވެހި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މިނިސްޓްރީ އިން ބުނީ އެ ފެއާގައި ރާއްޖޭގެ ފަތުރު ވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން ސްޓޭންޑެއް ގާއިމްކޮށްފައިވާ ކަމަށާއި އެ ސްޓޭންޑުން ރާއްޖޭގެ ރިސޯޓްތަކާއި ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާ އާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.
އެ ފެއާގައި ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުން ބައިވެރިވާ އިރު އަށް މިލިއަނަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރާނޭ ކަމަށް ފެއާ އިންތިޒާމްކުރާ ފަރާތްތަކުން ލަފާކުރެ އެވެ.
ޔެއޮސޫ އެކްސްޕޯ ކުރިއަށް ދާނީ އޮގަސްޓް މަހުގެ ބާރަ ވަނަ ދުވަހުގެ ނިޔަލަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ދަނީ ތަފާތު މާކެޓްތަކުގައި ބާއްވާ ފެއާތަކުގައި ބައިވެރި ވަމުނެވެ.