ގްރޭޓާ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން މި ސަރުކާރުން ފެށި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ ޕްލޭނިން މިނިސްޓްރީން އާންމުކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށް އެދި 20،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅިއެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ވަނީ ހަމަވެފައެވެ.

ޝަރުތުހަމަވީ އެންމެންނަށް ފުލެޓު ދޭން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ނިންމެވުމާ އެކު މިދިޔަ މަހުގެ އަށެއްގައި ވަނީ ފުލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓު ނެރެފައެވެ. އަދި، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވަނީ ހަފުތާއެއް ދީފައެވެ.

މިރޭ ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ވަގުތީ ލިސްޓްގައިވާ ޝަރުޠު ހަމަވެ، ފްލެޓް ލިބޭ ފަރާތްތަކާއި އަދި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން، ހުށަހެޅުއްވި ޝަކުވާތައް މި މިނިސްޓްރީން ބެލުމަށްފަހު ޝަރުޠު ހަމަވާ ފަރާތްތަކަށް ފްލެޓް ލިބޭކަން މިހާރު ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ.

އަދި ޝަރުޠު ހަމަނުވާ ފަރާތްތަކަށް ވެސް ޝަރުޠު ހަމަނުވާ ސަބަބު ބަޔާންކޮށް ޕޯޓަލް މެދުވެރިކޮށް ޖަވާބު ދީފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންވެ، ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އިތުރު ޝަކުވާއެއް އޮތްނަމަ މިއަދުން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.

ސަރުކާރުގެ 'ބިންވެރިޔާ' ސްކީމާއި 'ގެދޮރުވެރިޔާ' ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން ސަރުކާރުން ވަނީ މާލެ ސަރަހައްދުން އިތުރު 4،000އަށް ވުުރެ ގިނަ ގޯއްޗާއި 8،000 ފްލެޓަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ގޯތި ލިބުނު ބައެއް މީހުންނަށް މިހާރު ވަނީ ރަޖިސްޓްރީ ހަވާލުކޮށްފައެވެ.