ކާބުލް(މޭ 13): އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯ ސިފައިންގެ ހަތަރު މީހަކު މަރާލައިފި އެވެ. ނޭޓޯގެ ތަރްޖަމާނަކު ބުނި ގޮތުގައި މީގެތެރޭން ތިން މީހުން މަރުވީ އަފްޣާނިސްތާނުގެ ދެކުނުގެ ބަދްގީޝް ސްޓޭޓްގެ މަގެއްގައި ހަރުކޮށްފައިވާ ބޮންތަކެއް ރިމޯޓް ކޮންޓްރޯލްގެ އެހީގައި ގޮއްވާލައިގެންނެވެ. ހަތަރު ވަނަ މީހާ މަރުވީ އެކްސިޑެންޓެއްގައި ކަމަށް ވެސް ނޭޓޯގެ ޢަސްކަރީ ތަރްޖަމާން ވިދާޅުވި އެވެ. މިޙަމަލާތަކުގެ ފަހަތުގައި ވަނީ ތާލިބާނުން ކަމަށް ނޭޓޯ އިން ބުނެ އެވެ. މީގެ އިތުރުން މިދިޔަ ހަފްތާގައި އަފްޣާން ސިފައިންގެ މީހެއްގެ ބަޑީގެ ޙަމަލާއިން ވެސް ނޭޓޯގައި ހިމެނޭ އެމެރިކާ ސިފައިންގެ މީހަކު މަރުވެފައިވެ އެވެ.

އަނެއްކޮޅުން އަފްޣާނިސްތާނުގެ ސްކޫލްތަކަށް ގޮތްނޭންގޭ ބަޔަކު ދެމުންގެންދާ ސިލްސިލާ ޙަމަލާތަކުގައި ނަންގަހާރު ސްޓޭޓްގެ އަންހެންކުދިންގެ ސާނަވީ މަދްރަސާއެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަންދާލާފަ އެވެ. އަދި ގުޒްނީ ސްޓޭޓްގެ ތައްލީމާ ބެހޭ މަސްއޫލުވެރިންގެ ވަފްދަކަށް މިދިޔަ ހަފްތާގައި ބަޔަކު ޙަމަލާދިނުމުގެ ސަބަބުން އޭގެތެރެއިން ފަސް މީހަކު މަރުވެ، ހަތް މީހަކު ޒަޚަމްވެފައިވެ އެވެ.

އަފްޣާނިސްތާނުގެ އަންހެންކުދިންގެ ސްކޫލްތަކަށާއި ތައްލީމީ އެހެން މުއައްސަސާތަކަށް ދޭ ޙަމަލާތަކުގެ ތުހުމަތު ތާލިބާނުންގެ މައްޗަށް ކުރެވިފައިވީ ނަމަވެސް ތާލިބާނުން ވަނީ މިއީ އެޖަމާއަތުގެ ޙަމަލާތަކެއްނޫންކަމަށް ބުނެފަ އެވެ.
ތާލިބާނުންގެ ބަޔާނެއް ބުނި ގޮތުގައި އެޖަމާޢަތުން އަންހެންކުދިންގެ ވެސް އަދި ފިރިހެންކުދިންގެ ވެސް ތަޢްލީމަށް ހުރަހެއް ނާޅާނެ އެވެ. ނަމަވެސް ދެ ޖިންސް އެއްކޮށް ކިޔަވައިދިނުމަކީ އެ ޖަމާއަތުން ރުހޭކަމެއްނޫން ކަމަށާ މިއާއެކު ވެސް އެއްވެސް ތަޢްލީމީ މުއައްސަސާއަކަށް ޙަމަލާދިނުމަކީ ތާލިބާނުންގެ ސިޔާސަތެއް ނޫން ކަމަށް ވެސް އެޖަމާއަތުގެ ބަޔާން ބުނެ އެވެ. (އަލްޖަޒީރާ)