26 Sep 2023, 19:10
ދުނިޔޭގެ 100އަށް ވުރެ ގިނަ ދަތުރުވެރިން އެންމެ ބޮޑަށް ތަޖުރިބާ ކުރަން ބޭނުންވާ ކަމަކީ ރާއްޖެ އައުން ކަމަށް ސާވޭއަކުން ދައްކައިފިއެވެ.
ސްވިޒަލެންޑުގެ ޓުއަރިޒަމް ކުންފުންޏެއް ކަމަށްވާ ކުއޯނީއިން އެއް އަހަރަށް ކުރިއަށް ގެންދިޔަ ސާވޭއެއްގައިވަނީ، 219 ގައުމެއްގައި ގޫގުލް މެދުވެރިކޮށް މީހުން އެންމެ ގިނައިން ހޯދާ 'ބަކެޓް ލިސްޓް' ކަންތައްތައް ނުވަތަ ހަޔާތުގައި ކޮންމެހެން ވެސް ތަޖުރިބާ ކުރަން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލައިފައެވެ.
އޭގެ ތެރެއިން 122 ގައުމެއްގައި ގޫގުލްއިން އެންމެ ގިނައިން 'ސާޗު'ކޮށްފައި ވަނީ ރާއްޖެއަށް ޒިޔާރަތް ކުރުމާ ބެހޭ މައުލޫމާތެވެ. އެގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި އެމެރިކާ އާއި ޖަރުމަނު ވެސް ހިމެނެއެވެ.

ކުއޯނީއިން ކުރިއަށްގެންދިޔަ ސާވޭގެ ނަތީޖާ --
ދެވަނައަށް އެންމެ ގިނަ ގައުމުން ހޯދާފައި ވަނީ ބޯރާ ބޯރާއަށް ދަތުރު ދިޔުމާ ބެހޭ މައުލޫމާތެވެ. އެގޮތުން 19 ގައުމަކުން އެންމެ ގިނަ މީހުން ގޫގުލް މެދުވެރިކޮށް ހޯދާފައިވަނީ ބޯރާ ބޯރާގެ ތަޖުރިބާއާ ގުޅޭ ގޮތުންނެވެ.
ދެން އެންމެ ގިނަ ގައުމުތަކުގެ 'ޓޮޕް ބަކެޓް ލިސްޓް' ތަޖުރިބާތަކަކީ:
މޮނަ ލީޒާ ކުރެހުން ބަލައިލުން - 16 ގައުމުން
- އިޓަލީގެ ޗިންކޫ ތެރޭއަށް ދިޔުން - 11 ގައުމަކުން
- ދުބާއީގެ ބުރުޖު ޚަލީފާ ބަލައިލުން - 9 ގައުމަކުން

16 ގައުމެއްގެ ދަތުރުވެރިންގެ 'ޓޮޕް ބަކެޓް ލިސްޓް' ތަޖުރިބާއަކީ ފްރާންސްގެ ދާރުލްއާސާރެއްގައި ހުންނަ މޮނަ ލީޒާ ކުރެހުން -- ފޮޓޯ/ އޭއެފްޕީ
ގޫގުލްގައި ސާޗުކޮށްފައިވާ އަދަދުތަކަށް ބަލާއިރު:
1. ރާއްޖެއަށް ޒިޔާރަތް ކުރުމަށް - 45،289،700 ފަހަރު ސާޗުކޮށްފައިވޭ
2. ނަޔާގަރާ ފޯލްސްއަށް ދިޔުން - 24،337،110 ފަހަރު ސާޗުކޮށްފައިވޭ
3. މޮނަ ލީޒާ ބަލައިލުން - 23،828،620 ފަހަރު ސާޗުކޮށްފައިވޭ
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކަކީ ރަޝިއާ، އިންޑިއާ، ޗައިނާ، އިނގިރޭސިވިލާތް އަދި ޖަރުމަނެވެ. އޭގެ ތެރެއިން ރަޝިއާ އާއި ޗައިނާ ކުއޯނީގެ ސާވޭގައި ހިމަނާފައިނުވާއިރު، އިންޑިއާގެ އެންމެ ގިނަ މީހުން ދަތުރުވެރިން ދާން ބޭނުންވަނީ އެމެރިކާގެ ޔޮސެމިޓީ ނެޝަނަލް ޕާކަށެވެ.