13 May 2012, 10:08
ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ބާއްވަމުން އަންނަ ސިފައިންގެ ފޮޓޯ މައުރަޒު ދ. ކުޑަހުވަދޫގައި ބާއްވައިފި އެވެ.
އެމްއެންޑީއެފުން ބުނީ މިދިޔަ ހުކުރު ދުވަހު ކުޑަހުވަދޫ ތައުލީމީ މަރުކަޒުގައި ހުޅުވި ދެ ދުވަހުގެ ފޮޓޯ މައުރަޒު ހުޅުވައިދިނީ އެ ރަށު ކުޑަދެކުދިން ކަމަށާއި އެ ފޮޓޯ މައުރަޒާ އެކު ކުޑަކުދިންގެ ހަވީރެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މިފޮޓޯ މައުރަޒުގައި ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާގެ ފޮޓޯތަކާއި ރާއްޖެ އަށް ދިމާވި ގުދުރަތީ ކާރިސާތަކުގައި ސިފައިން ފޯރުކޮށްދިން ގައުމީ ހިދުމަތުގެ ފޮޓޯތަކާއި ސިފައިންގެ ހިދުމަތް ދައްކުވައިދޭ ފޮޓޯތަކުގެ އިތުރުން ސިފައިންގެ ހަރަކާތްތަކާ ގުޅޭ ފޮޓޯތައް ހިމަނާފައިވެ އެވެ.
ސިފައިންގެ އަހަރީ ދުވަހުގެ ފޮޓޯ މައުރަޒުގެ އިތުރުން ކުރިއަށް ދިޔަ ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިން ޝައުގުވެރިވާ ގިނަ އަދަދެއްގެ ކުޅިވަރުތައް ހިމަނާފައިވާ އިރު އޭގެތެރޭގައި ރިމޯޓު ލޯންޗު ދުއްވުމާއި މަސްބޭނުމާއި ކުރެހުމާއި ފުޓްބޯޅަ ގޭމްތައް ފަދަ ތަފާތު ކުޅިވަރުތައް ހިމަނާފައިވެ އެވެ.
މިހަވީރަކީ އެމްއެންޑީއެފާ އެކު ކުޑަހުވަދޫގެ ކުލަބު ޖަމިއްޔާތަކާއި މުވައްސަސާތަކުން ބައިވެރިވެގެން ބޭއްވި ހަވީރެކެވެ.
މީގެއިތުރުން ސިފައިންގެ ދުވަހާ ގުޅިގެން ކުޑަހުވަދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ސިފައިންގެ ޣާޒީ ލޯންޗް އެރަށު ސްކޫލްދަރިވަރުންނަށާއި އެރަށު ބައެއް ފަރާތްތަކަށް ވަނީ ދައްކާލާފަ އެވެ.