13 May 2012, 10:00
އަމީނީމަގު ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ގ. ވޭރު، އަބްދުލް މުހީތު،21 މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޝަރީއަތަށް ފޮނުވައިފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ފެބުރުއަރީ މަހު 19 ވަނަ ދުވަހުގެ ރޭ މުހީތު މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޝަރީއަތަށް ފޮނުވާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ.
"އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި،" އޮފިޝަލް ވިދާޅުވި އެވެ.
މުހީތު މަރާލި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ގދ. ގައްދޫ އަބުލަޣީގޭ، މުހުޖަތު އަހުމަދު ނާސިހު، 18 އާއި ސ. މަރަދޫ ސަލްޓަންވިލާ، އަލީ މުޝައްފަޢު 20، އާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫން، 19،ގެ އިތުރުން ދެ ކުޑަ ކުއްޖެއްގެ މައްޗަށެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ ހުރިހާ މީހުން ވެސް މިހާރު ތިބީ ކޯޓު އަމުރާ އެކު ފުލުހުންގެ ހައްޔަރުގަ އެވެ.
އެ މައްސަލައިގައި ހިމެނޭ ދެ ކުޑަކުދިންގެ ތެރެއިން އެއް ކުއްޖަކީ ޓެރަރިޒަމްގެ ދައުވާއާއި މީހަކު މަރާލެވިދާ ފަދަ އެއްޗަކާ އެކު ޣައިރުގާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ދައުވާ އާއި އަދި މީހަކު މަރާލެވިދާ ފަދަ އެއްޗަކާ އެކު މާރާމާރީ ހިންގުމުގެ ދައުވާ ދައުލަތުން ކޮށްފައިވާ ކުއްޖެކެވެ.