26 Sep 2023, 09:02
އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޖޯން ޓެރީ، ސައުދީ އަރަބިއާގެ ކްލަބެއްގައި މަސައްކަތްކުރުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޓެރީ ސައުދީގައި މަސައްކަތްކުރުމަށް ހުރިހާ ކަމެއް ވަނީ ފުރިހަމަކޮށްފައެވެ. އޭނާ މަސައްކަތްކުރާނީ ސައުދީގެ އަލް ޝަބާބްގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓެރީ ވަނީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އެސްޓަން ވިލާ އަދި ލީޑްސް ޔުނައިޓެޑުގައި މަސައްކަތްކޮށްފައެވެ. މިހާރު ޗެލްސީގެ އެކަޑަމީގައި މަސައްކަތްކުރަމުންދާ ޓެރީއަށް މީގެ ކުރިން ސައުދީގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރުމަަށް ފުރުސަތު ލިބުނު ނަމަވެސް، އޭނާ އެ ހުށަހެޅުން ގަބޫލުކޮށްފައިނުވަނީ ކުރު މުއްދަތަކަށް އެ ކްލަބުގައި މަސައްކަތްކުރަން ބޭނުންވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުމުރުން 42 އަހަރުގެ ޓެރީ، އަލް ޝަބާބްގެ ސްޕޯޓިން ޑިރެކްޓަރުކަމުގެ މަގާމާ ހަވާލުވުމަށް ތައްޔާރުވަމުންދާ އިރު، ސައުދީގެ އަލް އެތިފާގުގެ ކޯޗުގެ ގޮތުގައި އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ސްޓީވަން ޖެރާޑް ވެސް ދަނީ މަސައްކަތްކުރަމުންނެވެ. މީގެ ކުރިން ޗެލްސީއަށް ކުޅުނު ޓެރީ އާއި ލިވަޕޫލަށް ކުޅުނު ޖެރާޑް ވަނީ ކުޅުންތެރިންގެ ގޮތުގައި އިނގިރޭސި ގައުމީ ޓީމުގައި އެކުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ.
ސައުދީ ޕްރޯ ލީގުގައި އަލް ޝަބާބްގެ ނަތީޖާތައް އެހާ ރަނގަޅެއް ނޫނެވެ. މިވަގުތު ލީގުގެ 11 ވަނައިގައި އޮތް އަލް ޝަބާބަށް ހަތް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.